ފަޅުރަށްރަށް ހަލާކު ކުރާކަމުގެ ޝަކުވާ ބ.އަތޮޅު ކައުންސިލުން މަޖިލީހަށް!

file_dmk6vh.jpg

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުން، ބ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ ކަންބޮޮޑުވުންތައް އަޑު އައްސަވަނީ: ކައުންސިލުން ކައިރި ރަށްތަކުން މަންފާ ނެގެންޖެހޭނެ ކަމަށް -- ފޮޓޯ: މަޖިލީހުގެ އިދާރާ

ބ. އަތޮޅުގައި ރިސޯޓްތައް ހިންގާ ކުންފުނިތަކުން އެ އަތޮޅުގެ ފަޅުރަށްތައް ހަލާކުކުރާ ކަމުގެ ޝަކުވާ ބ.އަތޮޅު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އުފުލައިފި އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރުން ބ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ ބ.އަތޮޅުގެ ފަޅު ރަށްރަށުގެ ތެރެއިން، އެކި ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ރަށްތައް ބެލެހެއްޓުން އަތޮޅު ކައުންސިލާ ހަވާލުކޮށްދޭން ސަރުކާރުގައި އެދުމަށް އެކައުންސިލުން  ގަރާރަކުން ފާސްކޮށްފައިވާ ކަމަށެވެ. އަދި މީހުން އުޅޭ ރަށްރަށުގެ ކައިރީގައިވާ ފަޅުރަށްތަކުގެ ތެރެއިން މިހާރު ކުއްޔަށް ނުދީ ހުރި ރަށްތައް، މަންފާވާ ގޮތަށް ބަލަހައްޓަން، އެ ރަށްރަށުގެ ކައުންސިލާ ހަވާލުކޮށްދޭން އެދެން ވެސް އެ ގަރާރުގައި ވެއެވެ.

ބ. އަތޮޅު ކައުންސިލުގެ ހަތަރުވަނަ ބައްދަލުވުމުން ފާސްކުރި މި ގަރާރުގައި ހަތް ކަމެއް ކުރަން  އޮތެވެ. އެއީ:

ރިސޯޓްތަކުން މިހާރު ހިލޭ ބޭނުންކުރަމުން އަންނަ ފިނޮޅުތަކެއް ކުއްޔަށް ދިނުމާއި އެންވަޔަރންމަންޓް މިނިސްޓްރީގެ ބެލުމުގެދަށުގައިހުރި ހުރިހާ ރަށެއް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމާއި މީހުން އުޅޭ ރަށްރަށުގެ ކައިރީގައި ހުރި ފަޅުރަށްތައް، އަތޮޅު ކައުންސިލަށް މަންފާވާ ގޮތަށް. އެރަށްރަށުގެ ކައުންސިލާ ހަވާލުކުރުމާއި ޓޫރިޒަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ ތެރެއިން ގަވާއިދާ ހިލާފަށް އަމަލުކުރަމުން ގެންދާ ރަށްރަށުގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމާއި ވަރުވާ އަށް ދޫކޮށްފައިވާ ރަށްތައް އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރުމާއި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްރަށާއި ފިނޮޅުތަކަށް ކައުންސިލްގެ ހުއްދަނެތި އެރުން މަނާކުރުމާއި ބަޔޮސްފިޔާ ރިޒާވް ހިންގުން އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމެވެ.

މި ބައްދަލުވުމުގައި އަފްރާހް ވިދާޅުވީ އެ ގަރާރުގައިވާ ކަންތައްތައް ކައުންސިލުން ވަނީ ކަމާ ބެހޭ މިނިސްޓްރީތަކަށް މިހާރުވެސް ވަނީ ހުށަހަޅައިފައި ކަމަށެވެ.

އަަފްރާހް ވިދާޅުވިގޮތުގައި އެއްވެސް ރަށެއް އަދި ފިނޮޅެއް ވެސް އަތޮޅުކައުންސިލާ ހަވާލުކުރެވެން ނެތް ކަމަށް ބުނެ ފިޝަރީޒް މިނިސްޓްރީން ޖަވާބުދީފައިވާ ކަމަށެވެ. އެކަމަކު އަތޮޅު ކައުުންސިލްގެ ބެލުމުގެ ދަށުގައި މިހާރު ހުރި ރަށްރަށުގެ މަންފާ ކައުންސިލަށް ނެގިދާނެކަމަށް ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް، ކައުންސިލަަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އަތޮޅު ކައުންސިލަށް މިކަމުގައި މިހުރި ގޮންޖެހުންތަކަކީ، އަތޮޅު ކައުންސިލްގެ މެމްބަރުން މި ނިންމި ނިންމުން ތަންފީޒުކުރުމުގައި ސަރުކާރުގެ އިދާރާތަކުން އަޅުގަނޑުމެންނަށް އެކަށީގެންވާ އެއްބާރުލުން ނުދިނުން،” އަފްރާހު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބ.ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވީ ފަޅުރަށްތަކުގެ ހާލަތު ބަލަން ބ. އަތޮޅު ކައުންސިލުން ނެގި ކޮމިޓީއަކުން އަތޮޅުގެ ހުރިހާ ފަޅުރަށަކަށް ގޮސް ހާލަތު ބަލާފައިވާ ކަމަށާއި ފަޅުރަށްތަކަށް ގޮސް ބެލި އިރު ބައެއް ރަށްރަށުގެ ހާލަތު ހުރީ ލޮލުން ކަރުނަ އަންނަހާ ގޯސްކޮށް ކަމަށެވެ.

”ބައެއް ރަށްރަށް އެބަހުރި، ރިސޯޓް ހަދާފައި ކައިރީގައި އޮތް ރަށް ނަގާފައި އެބަހުރި، އެ ރިސޯޓުން އެޅި ކުނިން، ހަމަ ރީތި ކުޅިތައް ވެސް އެބަހުރި ހިއްކާލާފައި. އެކަމަކު އެންވަޔަރްމެންޓް މިނިސްޓްރީއަކަށް ވެސް އީޕީއޭއަކަށް ވެސް މިކަންކަމެއް ނުފެނޭ،” ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ ހާލަތު އެހެން ހުރި އިރު އެރަށްތައް ހަވާލުކޮށްފައި ވަނީ ކޮންކޮން ބަޔަކާ ކަން ވެސް އަތޮޅު ކައުންސިލަކަށް ނޭނގޭ ކަމަށެވެ. އެ މައުލޫމާތު ސާފުކުރަން ފިޝަރީޒް މިނިސްޓްރީއަށާއި އެންވަޔަރްމެންޓް މިނިސްޓްރީއަށް ލިޔެގެން ވެސް އެކަން އޮޅުން ނުފިލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބ. އަތޮޅު ކައުންސިލުގެ މެމްބަރުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ފަހު ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން ކޮމިޓީން މަސައްކަތްކުރާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top