ދިވެހި އަޑު ލިޔުމަށް ބަދަލުކޮށްދޭ އެޕެއް ލޯންޗުކޮށްފި

large_171405459553xnCD.jpg

އޭސީސީގެ އެޕްލިކޭޝަން ލޯންޗުކުރުން -- ފޮޓޯ/ އޭސީސީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތް އަވަސްކުރުމަށް، ދިވެހި އަޑު ލިޔުމަށް ބަދަލުކޮށްދޭ އެޕްލިކޭޝަން އެއް އިފްތިތާހު ކޮށްފިއެވެ.

އެ އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ އޭސީސީގެ ރިޓަޔާޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން ޢަބްދުލްޢަޒީޒު މޫސާއެވެ.

“ކާތިބު”ގެ ނަމުގައި ހަދާފައިވާ މިއެޕްލިކޭޝަނާ ބެހޭގޮތުން އޭސީސީ އިން ބުނީ ދިވެހި އަޑު ދިވެހި އަކުރަށް ބަދަލުކުރުމުން ތަހުގީގު ތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތު ކުޑަކުރެވޭނެ ކަމަށެވެ.

މިގޮތުން، މި އެޕްލިކޭޝަނުގެ ސަބަބުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުންއަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަންޖެހޭ ވަގުތު ވެސް ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް އޭސީސީ އިން ބުންޏެވެ.

މި އެޕްލިކޭޝަނަކީ އެ ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަނެކެވެ.

މީގެއިތުރުން، މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، އެޕްލިކޭޝަނަށް ފަރިތަކުރުމުގެ ގޮތުން، ފާއިތުވި ހަތަރު ވަރަކަށް މަހު ކޮމިޝަނުގައި ބޭނުންކުރި ކަމަށް އޭސީސީއިން ބުންޏެވެ.

ދިވެހި އަޑު ދިވެހި އަކުރަށް ބަދަލުކުރެވޭ، “ކާތިބު” އެޕްލިކޭޝަން އުފެއްދި ދިވެހި ޑިވެލޮޕަރުންގެ ކުންފުނި، ސިނެޓެކްސް ޕްރައިވެޓް ލިމިޓެޑުން މަޢުލޫމާތުދޭ ގޮތުގައި “ސްޕީޗް ޓު ޓެކްސްޓް” ގެ އިތުރުން މި އެޕްލިކޭޝަނުން ޔައުމިއްޔާއާއި ބަޔާން ޚުލާޞާކުރުންފަދަ އިތުރު ފީޗާތައް ވަރަށް އަވަހަށް އިތުރުކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top