ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗް ތަކާއި ސާވިސް ސެންޓަރުތައް މާދަމާއިން ފެށިގެން ހުޅުވަން ނިންމައިފިއެވެ.
ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް މާދަމާ ހުޅުވަން ނިންމާފައިވާއިރު ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތައްވެސް މާދަމާ ހުޅުވާނެއެވެ. ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފަ އެވެ.
އޮފީސްތައް ހުޅުވަން ސަރުކާރުން ހުއްދަ ދީފައި މިވަނީ މިވަނީ ކޮވިޑުގެ ކޭސްތައް ދަށަށް ދިއުމާ ގުޅިގެންނެވެ.
ބީއެމްއެލުން ބުނީ އެ ކުންފުނީގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ. ނަމަވެސް ދެމުން ގެންދާނީ އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަމަށް ބުންޏެވެ.
ބީއެމްއެލްގެ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް “ކިއުބީ” އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެއެވެ. އަދި ކިއުބީ މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެއެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ.
ބީއެމްއެލުން ބުނީ އެޕޮއިންޓްމަންޓް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ ކަމަށެވެ. އެޕޮއިންޓްމަންޓަށް ހިދުމަތް ދޭނީ ބީއެމްއެލްގެ އެކައުންޓް އޯޕެނިން ސެންޓަރުންނާއި ލޯން ސެންޓަރުންނާއި ބިޒްނަސް ސެންޓަރުންނެވެ. މި ސެންޓަރުތަކުން ހިދުމަތް ހޯދުމަށް ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.
ނަމަވެސް ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިންގެ ޚިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށް ބޭންކުން އެދެއެވެ.