ވެލާސްޕޯޓްސް އިން ތައްޔާރުކުރި މޫދު އުދޯއްޔަށް އަރާލަން ނުދާނަންތަ؟

RYN_6984.jpg

އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބުން މޫދުގައި އަލަށް ތައްޔާރުކުރި ”މޫދު އުދޯލި“ މިއަދު ހަވީރު އާއްމުންނަށް ދައްކާލައިފިއެވެ.

އާއްމުންނަށް އެތަން ދައްކާލުމުގެ ގޮތުން، ދިވެހި ލިބާހުގައި ނަލަހެދިގެން ހުރި އަންހެން ކުއްޖަކާއި ޒުވާން ފިރިހެނަކު އުދޯއްޔަށް އަރައިތިބެ ފޮޓޯ ޝޫޓަކަށް ފަހު އެއްވެފައިތިބި މީހުންނަށް ވަނީ މަރުހަބާ ކިޔާފަ އެވެ.

އެ ކްލަބުން ހާމަ ކުރި ގޮތުގައި މޫދު އުދޯލި އާއްމުންނަށް ހުޅުވާލާނީ މިއަހަރުގެ ޖުމްހޫރީ ދުވަހުއެވެ.

އޭދަފުށީގައި ހުންނަ ދިރާގު އިމާރާތާ ދިމާލުން މޫދުގައި އޭދަފުށި ރަމްޒު ކޮށްދޭ ގޮތަށް އެއް ހަރުގައި ތައްޔާރު ކޮށްފައިވަނީ ދެ އުނދޯއްޔެވެ. މިއީ އޭދަފުށީގެ ލޭންޑް މާކެއްގެ ގޮތަށް ބަލައިގެން ފަރުމާކޮށްފައިވާ ތަނެއްގެ އިތުރުން އެސަރަހައްދަށް މޫދަށް އެރޭ މީހުން ހިތް އުފާ ކޮށްލަން ހަދައިދިން ތަނެއް ކަމަށް އެކްލަބުން ބުނެއެވެ.

“އޭދަފުއްޓަށް ޒިޔާރަތްކުރާ މެހެމާނުން ފޮޓޯ ނެގުމަށާއި މި ސަރަހައްދަށް މޫދަށް އެރޭ މީހުން ހިތްއުފާކޮށްލައި ވަރުބަލި ފިލުވާލުމަށް ވެސް މިއީ ކުރެވުނު ވަރަސް މުހިއްމު ކަމެއްކަމަށް މި ކްލަބުން ދެކެނީ.” ވެލާ ސްޕޯޓްސް ކްލަބްގެ މީޑިއާ ކޯޑިނޭޓަރު އާޒިމް އަބްދުއްސައްތާރު (ޒިންޓޭ) ބުންޏެވެ.

ޒިންޓޭ ބުނީ މި ތަން ހަދާފައި އެހެރީ ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުންނާނެހެން ރިސޯޓުތަކުގައި ވެސް މިފަދަ އުނދޯލިތައް ހަދާފައި ހުންނަ ފެންވަރުގައި ކަމަށެވެ.

މި ފެންވަރުގައި މިތަން ތައްޔާރު ކުރުމަށް ގިނަ ބައެއްގެ އޯގާތެރި އެހީތެރިން ލިބިފައިވާތީ މި ކަން ފާހަގަކޮށް އެ އެންމެންނަށްވެސް ޝުކުރުއަދާ ކުރާ ކަމަށް ޒިންޓޭ ބުންޏެވެ.

އޭދަފުއްޓަށް މުޅިން އަލަށް ތައާރަފްވި މޫދު އުނދޯލީގެ ހިތްގައިމުކަން ތަޖްރިބާ ކޮށްލަން ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ ދޯއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު