ދިރާސީ އާ އަހަރާއެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށަނީ

C5fPxQxUwAEhPUR.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

އަންނަ ދިރާސީ އާ އަހަރާ އެކު ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ފަށަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ކެބިނެތްގެ މިއަދުގެ ބައްދަލު ވުން ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ފެށޭ ދިރާސީ އާ އަހަރުން ފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ނާޒިމް ވިދާޅުވީ، ވަކި މާއްދާއެއް ދިވެހި ގައުމިއްޔަތުގެ ގޮތުގައި ތައުލީމީ މަންހަޖުގައި ހިމެނުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅައިފައިވާ ކަމަށެވެ.

އެ މާއްދާ ގައުމީ މަންހަޖުގައި ހިމެނުމަކީ ވަރަށް މުހިންމު މަގުސަދު ތަކަކަށްޓަކައި ކުރާ ކަމެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގައުމީ މަންހަޖުގައި މި މާއްދާ ހިމެނުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ކަމާ ގުޅުންހުރި ކަންކަމުގައި ރައީސް އޮފީހާ މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ދިރާސީ ކަލަންޑަރަށް ބަދަލުތަކެއް ގެނައުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައި ވާގޮތުން މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އޭޕްރީލް 30 ގައެވެ. ދިރާސީ އާ އަހަރު މެއި 26 ގައި ފަށައި، އަންނަ 2025 ގެ ފެބްރުއަރީގައި ނިންމާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top