ތައިލޭންޑާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އާސަންދަ ޚިދުމަތް ލިބޭގޮތް ހެއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އާސަންދައަކީ ހަމައެކަނި ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް އެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެން ދާނީ މިހާރު ދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް ކަމަށެވެ. އަދި އެތަންތަނުގައި ހުރުމަށްދާ ޚަރަދުވެސް އާސަންދައިން ކަވަރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު އާސަންދަ އިން މިހާރު ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އިންޑިއާގެ ވަރަށް ގިނަ ހޮސްޕިޓަލްތަކަށް އާސަންދައިގެ ޚިދުމަތް ލިބެ އެވެ. އެއީ އެ ހޮސްޕިޓަލްތަކަށް އޮތް ވަރަށްބޮޑު ވިޔަފާރި އެކެވެ.
ރައީސް އިތުރަށް ވިދާޅުވީ ހަމައެކަނި ވަކި ގައުމަކުން ބޭސް އެތެރެ ކުރުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ އިންޑިއާ އަށެވެ. ނަމަވެސް އެ ގައުމުގެ ނަމެއް ވިދާޅެއް ނުވެ އެވެ.
“އިރާދަކުރިއްޔާ ދެން އަަޅުގަނޑުމެން ގައުމަށް މާ ލަސްތަކެއް ނުވެ ބޭސް އެތެރެކުރާނީ ޔޫރަޕްގެ އެކިއެކި އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން. އެހެންވީމަ ވަކި ގައުމަކުން ބޭސް ގެނައުން ވެސް ނިމުމަކަށް އަންނާނެ،”