ކުނި މެނޭޖްކުރުމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ”މަގޭ ސާފު ރާއްޖެ“ މަހާސިންތާ ލ. ގަމުގައި މިއަދު ފަށައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިންތިޒާމު ކޮށްގެން ބާއްވާ މި މަހާސިންތާ އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.
މިއީ ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖް ކުރާނެ ގޮތުގެ މައުލޫމާތާއި އަދި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާ މެދު ގައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން ވިދާޅުވީ، ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކު ބާއްވާ މި މަހާސިންތާގެ މަޤުސަދަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކާއި ތަޖުރިބާތައް ހިއްސާކުރުން ކަމަށެވެ.
މި މަހާސިންތާގައި ކުނި މެނޭޖްކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ގެންގުޅޭ ތަފާތު މޮޑެލްތަކާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި މިކަން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަހާސިންތާގައި ސަރުކާރުގެ އިސްވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނާއި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭހެން 200 މީހުން ބައިވެރިވެ އެވެ.





