”ފަޅުތެރެއަށް “މުއިއްޒުގެ ގިނަ ވައުދުތަކެއް!

img_md_202309140633221694698402.4479.jpeg

ކެމްޕެއިން ހަރާކަތުގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ / ފޮޓޯ: ޕީޕީއެމް

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބ.އަތޮޅުގައި ގުދުރަތީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި އެއްފަޅެއްގައި އޮންނަ ތިން ރަށް ކަމުގައިވާ ގޮއިފުޅަ ފެހެންދު އަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒު މިއަދު ވަޑައިގެން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެންޕޭނަށް އުތުރަސް ކުރައްވަމުން ގެންދަވާ ދަތުރުފުޅިގައި ޑރ. މުއިއްޒު މިއަދު ފުރަތަމަ ވަޑައިގަތީ ފުޅަދުއަށެވެ. ފުޅަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ އެންމެ މުހިންމު ކަމަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުން ކަމަށެވެ. އެކަމަށް އިސްކަން ދެއްވައިގެން ޓޫރިޒަމާއި، މަސްވެރިކަމާއި، އެނޫންވެސް އެކި ދާއިރާތަކަށާއި، ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ޒުވާނުނަށް ފަހި ފުރުސަތުތަކެއް ހޯދައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ފުޅަދުއަކީ ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވއި މުއިއްޒު ވިދާޅުވީ އެރަށް ޓޫރިސްޓުން ގެނައުމާ އަނބުރާ ދިއުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުކަމަށްވާތީ އެކަމަށް ހައްލެއް ގެނެސް ދެއްވުމުގެ ގޮތުން އެއާޓެކްސީގެ ޚިދުމަތް ތައާރަފު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ފުޅަދޫގެ ތައުލީމާ ސިއްހީ ނިޒާމު އިތުރަށް ފުޅާކޮށް އެރަށުން އެދުނު ގޮތަށް ސަރުކާރުގެ ޚަރަދުގައި ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތްވެސް ތަޢާރަފްކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފެހެންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވަނީ މިހާރު ސެޓްލައިޓް ސްކޫލެއްގެ ގޮތުގައި އޮންލައިންކޮށް ކިޔަވައިދެމުން ގެންދާ ބ. ފެހެންދޫގެ ސްކޫލުގައި ޓީޗަރުން ތިބެ ކިޔަވައިދެވޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވައިފަ އެވެ.

އޮންލައިންކޮށް ކިޔަވައިދެމުންދާ ފެހެންދޫ ސްކޫލުގައި ހުންނަނީ ދެ ކްލާސް ރޫމް ކަމަށް ވާއިރު އެ ސްކޫލުގައި ތިބެނީ ދެ މުވައްޒަފުންނެވެ. އަދި އެ ސްކޫލް ހިންގަމުން ދަނީ ގޮއިދޫ ސްކޫލްގެ ބެލުމުގެ ދަށުންނެވެ.

ގޮއިދޫ ސްކޫލްގެ ދަށުން ފެހެންދޫގެ ސްކޫލް ހިންގަމުންދާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެއީ އެކަން ކުރަންވީ ގޮތް ނޫން ކަމަށާއި ކޮންމެ ރަށެއްގައި ވެސް އެކަން ކުރަން ޖެހޭނީ އެ ސްކޫލެއްގެ ކޮންޓްރޯލްގެ ދަށުން ކަމަށެވެ. އެގޮތުން ފެހެންދޫ ސްކޫލްގެ ހިންގުން ފެހެންދޫ ސްކޫލަށް ބަދަލުކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނަސް އެންމެ ތުއްތު ކުދިންނަށް ކިޔަވައިދޭން ކައިރީގައި ތަޖުރިބާ ލިބިފައިވާ ޓީޗަރުން ތިބެންޖެހޭ ކަމަށާއި އަދި އޭނާގެ ސިޔާސަތުގެ ދަށުން މަންހަޖަހަށް ގައުމިއްޔަތާ ގުޅޭ މާއްދާއަކާއި ތަރުބިއްޔަތުތައް ހިމަނަން ނިންމާފައިވާ ކަމަށެވެ. އަދި ފެހެންދޫގެ ސްކޫލުގައި އެކަށީގެންވާ ޓީޗަރުން ގާއިމުވެ ތިބޭ ގޮތަށް އެލްކޭޖީއިން ގްރޭޑް 6 އަށް ކިޔަވަައިދެވޭނެ ގޮތަށް ހުރިހާ ކަމެއް ހަމަޖައްސައި ދެއްވާނެ ކަމަށް މުއިއްޒު ވައުދު ވެވަޑައިގެންފައެވެ.

ފެހެންދުއަށް ގިނަ ކަންކަން ބޭނުންވާ ކަމަށާއި އެއީ ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލާ ބާކީ ކުރެވިފައި އޮތުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސިއްހީ ނިޒާމު ހަރުދަމާކޮށް ޓެސްޓް ހެދޭނެ ލެބޯޓްރީއެއް ހުންނަން ޖެހޭނެ ކަމަށާއި އެ ރަށެއްގެ އާބާދީގެ ނިސްބަތަށް ބަލާ ކޮންމެ ރަށެއްގައިވެސް އެ ހިދުމަތްދޭން ނިންމްވާފައިވާ ކަމަށެވެ. އެގޮތުން ފެހެންދޫން ވެސް އެ ހިދުމަތް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދެއްވުމާއި ކުޑަކުދިންގެ ޕާކެއް އަޅައި ދެއްވުމާއި ކުނި މެނޭޖް ކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސައި ދެއްވުމާއި ޕޮލިހުންގެ ޚިދުމަތް ތައާރަފު ކުރައްވައި މިސްކިތެއް އަޅައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފެހެންދޫގައި ހުއްޓިފައިވާ ނަރުދަމާ މަސައްކަތާއި ލަހުން ހިނގާ މަޝްރޫއުތައްވެސް އޭނާގެ ސަރުކާރެއްގައި ނިންމަވައި ދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ބ. ގޮއިދުއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމާއެކު އެ ރަށުގެ ފަޅުގައި ރިސޯޓެއް ހައްދަވައި ދެއްވާނެ ކަމުގައެވެ.

މުއިއްޒު ވިދާޅުވީ އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކޮށްދެއްވާނެ ކަމަށާއި ގޮއިދޫގެ ފަޅު ތެރޭގައި ރިސޯޓް ގާއިމުކުރުމަށް އިސްވެސްޓަރުންނަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި އެކަމުގެ ނަފާ ރައްޔިތުންނަަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ފަހި ކޮށްދީގެން ސީޕްލޭން ޖެއްސޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މީގެ ކުރިން އެ ރަށަށް ވެވަޑައިގެންފައިވާ ވައުދުތައް ތަކުރާރު ކުރައްވަމުން ،ފެންވަރު ރަނގަޅު ބޯޅަދަނޑާއި ސްކޫލުގެ ޖާގަ އިތުރުކުރުމުގެ އިތުރުން ސިއްހީ މަރުކަޒުގެ ނިޒާމު ހަރުދަނާ ކުރުމަށް ވައުދު ވެވަޑައިގެންނެވި އެވެ. އަދި ރަށުގައި ތިބެގެން ގިނަ ހިދުމަތް ދެވޭ ގޮތަށް ހިދުމަތްތައް އިތުރުކޮށްދީގެން މިހާރަށްވުރެ މާ ރަނގަޅަށް ސިއްހީ މަރުކަޒުގައި ހަގީގީ ސިފަ ޖައްސައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ގޮއިދޫ ބަނދަރު ތަރައްގީކުރުމާއި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭ ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށެވެ. އަދި ފުޓްބޯޅަ ދަނޑެއް ހެދިގެންދާއިރު އިންޑޯ އަދި އައުޓްޑޯ ސްޕޯޓްސްގެ ޔޫތު ސެންޓަރެއް ގާއިމު ކުރުމާއި އޭޓީއެމް ހިދުމަތް ފެށުމަށްވެސް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރު ވާނީ އެފަދައިން ވިދާޅުވާ ކޮންމެ ކަމެއް ރަސްމީކޮށް އަދި ހަގީގަތުގައި ވެސް ސަރުކާރުގެ ނިޒާމުގެ ތެރެއިން ބަޖެޓުންނާއި އިންވެސްޓަރުން ހޯދައިގެން ކޮށްދޭނެ ކަންކަން ކަމަށެވެ. އަދި ވައުދުވެ، އެކަމެއް ހަނދާން ނެތި އެކަން ބޮލުން ނައްޓާލާ ކަހަލަ މީހަކަށް ނުވާނެ ކަމަށް މުއިއްޒު ވަނީ ޔަގީންކަން ދެއްވާނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top