ރައްޔިތުންގެ ހާލު ބަލަން ސަރުކާރުގެ ވަފުދުތައް ރަށްރަށަށް ފުރަނީ

F6oif4Za4AA3ETW-qd6i4jr28d3g34x2wbabryzm2dh7pzpj0irkucn9ue-1.jpg

ރައްޔިތުންގެ ހާލު ބަލަން ކުރިއަށް އޮތް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދިއުމަށް ދަތުރު ތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

“ކަންގަތި އެވޯޑު” ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހި އާއިލާގެ ހުރިހާ އެންމެން އެމަނިކުފާނަށް ހަމަހަމަ ވާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ ގައުމީ އާއިލާއަކީ ދިވެހި އާއިލާ. ދިވެހީންގެ ރާއްޖޭގެ ދިވެހި އާއިލާ. ދިވެހި އާއިލާގެ ހުރިހާ މެންބަރުން އަޅުގަނޑަށް ހަމަހަމަ. އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުންނާ ގާތުން. އަޅުގަނޑު ރައްޔިތުންނާ ގިނަގިނައިން ބައްދަލު ކުރާނަން. ހާލުއަހުވާލު ބަލާނަން. މި ސަރުކާރުގެ ވަޒީރުން ވެސް، ކުންފުނިތަކުގެ ވެރިންވެސް މިގޮތަށް އަމަލު ކުރައްވާނެ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްރަށަށް އެ މަނިކުފާނުވެސް ދަތުރުފުޅުތައް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ސީދާ އެ މަނިކުފާނާ ސުވާލު ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައްވާނެ ކަމަށް ވިދާޅުވިއެވެ.

“މީގެ އިތުރަށް ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑަށް ސުވާލު ކުރެވޭ ގޮތަށް އަދި އެ ރައްޔިތެއްގެ އިހުސާސްތަކާ ހިޔާލުތަކާ އުއްމީދުތަކަށް ސީދާ އަޅުގަނޑަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތަކާއި ޝަކުވާ ސީދާ އެމަނިކުފާނަށް ހިއްސާކުރެވޭނެ ގޮތް، އޮފީހުގެ ރަސްމީ ގަޑީގެ ތެރެއިން ހަމަޖެއްސެވި ކަމަށެވެ. ހަމަ އެހެންމެ، އެފަދަ ކަންކަން ވަގުތުން ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަ ޕޯޓަލްއެއް ގާއިމުކޮށް، ތަނަވަސްކަމާއެކު ދޮރު ހުޅުވައިލެއްވި ކަމުގައި ރައީސް ވިދާޅުވިއެވެ. އެ ޕޯޓަލް މެދުވެރިކޮށް، ވަރަށް ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެވުނު އިރު، ދިވެހި ރައްޔިތުން ބޭނުންވަނީ މިގޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސަރުކާރުވެސް އަޅުގަނޑު ބޭނުންވަނީ މިގޮތަށް އޮންނަން. އިރާދަކުރެއްވިއްޔާ، މި ސަރުކާރު ކުރިއަށްދާނީ މި އުސޫލުން. މާލޭ ސިޓީގެ މޭޔަރު ކަމަށްފަހު، ދެން މިހާރު ލޮބުވެތި ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކުރައްވާފައި މިވަނީ ތަފާތު އިމްތިހާނެއް ކަން ނޭނގެ. އެއީ، މި މަގާމުގައި އަޅުގަނޑު ކަންކުރާގޮތް ބެއްލެވުން. އިރާދަކުރެއްވިއްޔާ، ދެންވެސް މަސައްކަތް ކުރާނީ ތިޔަ ލޮބުވެތި ރައްޔިތުންނާ ގާތުން.” ރައީސް ވިދާޅުވިއެވެ.

“ރާއްޖޭގެ ރަށްރަށަށް އަޅުގަނޑު ދަތުރުކުރާނަން. ހަމަ ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން. ތިޔަބޭފުޅުންގެ އަސްކަނިދަށުން ލިބޭ ހިޔަލަކީ ވަރަށްވެސް ނިޔާމަ ހިޔަލެއް ކަމުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން.”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top