ކިހާދޫ ކުޑަކުދިންގެ ޕާކް. ކުދިންގެ ދުޅަހެޔޮކަމާ ގުޅިފައިވާ އަގުހުރި މަސައްކަތެއް

l_1576564740669Ym.jpeg

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން އެހީވެގެން ކިހާދޫގައި ހަދާފައިވާ ކޮމިޔުނިޓީ ޕާކް. -- ފޮޓޯ/ ބީއެމްއެލް

މިއީ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އާއި ރަށު ކައުންސިލް ގުޅިގެން އެރަށުގައި ތަރައްގީ ކޮށްފައިވާ ޕާކް ހުޅުވުމުގެ އުފަލުގައި ކިޑްސް ޖަމިއްޔާގެ ރައީސް އިބްރާހިމް ވަސީމް ފާޅުކުރެއްވި އުފާވެރި ޝުއޫރުތަކާއެކު ފާހަގަކުރެވުނު ބަސްކޮޅެކެވެ.

496 މީހުންގެ އާބާދީއެއް އޮތް ކިހާދޫ ބަނދަރުމަތީގައި ގައި މުޅިން އަލަށް ހުޅުވި މި ޕާކަކީ ރަށުގެ ކުޑަކުދިންނަށް ޓަކައި މީގެ އަހަރެއްހައި ދުވަސްކުރިން ކިޑްސް ޖަމިއްުޔާ އިސްނަގައިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ. ރަށު ކައުންސިލާ ގުޅިގެން މިފަދަ ޕާކެއް ތަރައްގީ ކުރުމުގެ ބޭނުމަކީ ކުޑަކުދިން ކުޅެލައި މަޖާކޮށްލަން ދާނެ ރައްކާތެރި ތަނެއް ރަށުގައި ނެތުމުގެ ޝަކުވާއަށް ހައްލު ހޯދައިދިނުން ކަމަށް ވަސީމް ވިދާޅުވި އެވެ. ކުދިންގެ މުސްތަގުބަލާއި ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ ކިޑްސް ޖަމިއްޔާގެ އެންމެ އަސާސީ އެއް މަގުސަދު ކަމަށް ވާ ހިނދު އެރޮނގުން ރަށަށް ބޭނުންތެރި ކަމެއް ކޮށްދިނުންވެސް މެއެވެ.

މި މަސައްކަތް ފެށީ ބޮޑެތި ޚިޔާލުތަކަކާއެކު އެކަންތައްތައް ތަންފީޒު ކުރެވޭނެކަމަށް ބަލައިގެން ކަމަށް ވިޔަސް ވަކި ހިސާބަކުން މަސައްކަތް ހުއްޓާލަން ޖެހުނީ މި ފަދަ އެހެން ކަންކަމުގައި ވެސް އެންމެ އާއްމު ކޮށް ދިމާވާ ފައިސާގެ މައްސަލަ ހުރަސްވެގެންނެވެ. އެހެންނަމަވެސް އުފެއްދުންތެރި ޚިޔާލުތައް އުފަން ކުރުވަން ދަންނަ ކިޑްސް ޖަމިއްޔާއިން ޕާކް ތަރައްގީ ކުރުމުގެ ފަންޑު ހޯދުމުގެ ވިސްނުން ފަހި ކުރުވީ ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދެވަނަ ބުރުގެ ޕްރޮޕޯސަލްތަކަށް ހުޅުވާލުމާ އެކު އެވެ.

އަމިއްލަ ފަރާތްތަކުން ކުރާ އިޖުތިމާއީ އެކި ކަންކަމަށް އެހީވުމަށް ބީއެމްއެލްއިން ހުޅުވާލި ކޮމިޔުނިޓީ ފަންޑަށް ކިހާދޫ ކިޑްސް ޖަމްއިއްޔާއިން ޕްރޮޕޯސަލް ހުށަހެޅީ ޔަގީންކަމެއް އޮވެގެން ނޫނެވެ. އެހެންނަމަވެސް ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ އެކަމަށް ހުޅުވެން ހުރި ހުރިހާ ދޮރެއްގައިވެސް ޓަކި ޖަހައިގެން ކަމަށް ވާތީ އެގޮތުން ޕްރޮޕޯސަލް ހުސަހެޅީއެވެ. ކާމިޔާބުވެސް ވީއެވެ.

ބީއެމްއެލްއިން ދިން އެހީއާ އެކު، މިހާރުވަނީ ޕާކުގައި ބަހައްޓަން ޖެހޭ ކުޑަކުދިން ކުޅޭ ސާމާނު ގަނެ، ބަހައްޓައިނިމިފަ އެވެ. ލޭންޑްސްކޭޕިންގެ މަސައްކަތާއި ޕާކް އަލިކުރުމަށް ބޮކި ހަރުކުރުމުގެ މަސައްކަތް ވެސް، އެ އެހީގެ ތެރެއިން ކޮށް ނިއްމާލައިފިއެވެ.

ފާހަގަ ކޮށްލެވޭ މުހިއްމު އަނެއްކަމަކީ އެ ޕާކްގައި ހަރުކޮށްފައިވާ ބޮކިތައް ދިއްލަން ކަރަންޓް ބޭނުމެއް ނުވެ އެވެ. ދިއްލަން ބޭނުން ކުރަނީ، ސޯލާ ހަކަތަ އެވެ. އެހެންވެ، އެ ޕާކަކީ އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޑިޒައިންކޮށްފައިވާ “އިކޯ ޕާކެއް” ކަމަށް ވަސީމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top