އޮކްޓޫބަރު 22 އަކީ ޒުވާނުންގެ ދުވަސް ކަމުގައި ކަނޑައަޅުއްވައިފި

DSCN8680.jpg

އޭދަފުށީގެ ޒުވާނުން ކޮޅެއް --އީވީ ފައިލް ފޮޓޯ

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުކަނދައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ތާރީޚެއް ކަނޑައެޅުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ.

22 އޮކްޓޯބަރަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިހާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގައި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީހީ ދުވަހެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ވޯޓު ދިނުމުގެ ހައްގާއި، އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގާކީ ޒުވާނުންނަށް ލިބިފައިވާ ވަރަށް މުހިންމު ހައްގެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަން މިހެން އޮތުމާއެކު، ޒުވާނުންގެ ދުވަސް ފާހަގަކުރުން އެންމެ އެކަށީގެންވާ ދުވަހަކީ، ރައްޔިތުންގެ ހާއްސަ މަޖިލީހުން ގާނޫނު އަސާސީގެ އެ މާއްދާ ފާސްކުރެއްވި ދުވަސް ކަމަށާއި، އޭރު އެގޮތަށް ރައްޔިތުންގެ ހާއްސާ މަޖިލީހުން ފާސްވެގެންދިޔައީ، ހާއްސަ މަޖިލީހުގެ މެންބަރުން ވެވަޑައިގެންނެވި ޤުރްބާނީއާއި، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުން ތަކުގައިވެސް ދޫނުދެއްވައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާގެ ސަބަބުންކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރައްވަމުން ގެންދެވި ތާރީހު، އެކިފަހަރުމަތިން ވަނީ ބަދަލުކުރައްވާފައެވެ. މިގޮތުން، އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރައްވާފައިވަނީ 1 މާރިޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުން ގެންދެވިއެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރައްވަމުން ގެންދަވާފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހަކީ، އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަސް ކަމަށް ނިންމެވުމާ ގުޅިގެން، އަންނަ އަހަރު އެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގެވުމަށްވެސް ވަނީ ނިންމަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top