
ބިންހިއްކުން ފެށުމުގެ ރަސްމިއްޔާތަށް އަޅާ ދަރުބާރުގެ އެޅުމުގެ މަސައްކަތް އިއްޔެ އޭދަފުށީގައި ކުރިޔަށްދަނީ. މިރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުކަމަށް ކައުންސިލުން ބުނޭ / އީވީ ފޮޓޯ ފާރިހް އަހްމަދު ރަޝީދު
އޭދަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އޭދަފުށީ ކައުންސިލާ، ރައްޔިތުން ގުޅިގެން ފަށައިފިއެވެ.
އެގޮތުން އޭދަފުށީގައި މިމަޝްރޫއު ފެށުމަށްޓަކައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތަށް އޭދަފުށީ ދެކުނު ފަރާތުގައި ވަގުތީ ދަރުބާރުގެއެއް އެޅުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ ވިދާޅުވީ ބިންހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި ބާއްވާ ރަސްމިއްޔާތު މިހަފްތާގެ ބަންދުތެރޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށާ، ކަމާބެހޭ ސާމާނުތައް މިހަފްތާތެރޭގައި އޭދަފުއްޓަށް އަންނާނެކަމަށެވެ.
“ރައްޔިތުން ބޭނުންވޭ މިމަސައްކަތް ފެށޭއިރު ވަރަށް ކުލަގަދަކުރަން. އެހެންވެގެން ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރީތައް މިއޮތީ ފެށިފައި. ބުރާސްފަތި ދުވަހު ހޮޅިލައިނާ، އެހެނިހެން ސާމާނުތައް އޭދަފުއްޓަށް ގެންނާނެ. ހުކުރު ދުވަހު ކޮންނަބޯޓް އަންނާނެކަމަށް ހަބަރުލިބެނީ. އެހެންވީމާ އަޅުގަނޑުމެން މިބަލަނީ ހޮނިހިރުދުވަހު ރަސްމިއްޔާތު ބާއްވަންޖެހޭކަމަށް. މިރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ، ކުރީގެ ބައެއް ރައީސުންވެސް ބައިވެރިވާނެ” ރިޒާ އީވީއަށް ވިދާޅުވިއެވެ.
ދަރުބާރުގެ އެޅުމުގެ މަސައްކަތް އިއްޔެ ފެށުނު އިރު، ބިން ހިއްކަން ފެށުމުގެ ކުރިން ދެކުނުފަރާތު އަތިރިމަތީގައ ބަހައްޓާފައިހުރި އާންމުންގެ ތަކެތި ނެގުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހިއްކާ ބިމުގެ ވަށައިގެންޖަހާ ރިވެޓްމަންޓަށް ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ހަފްތާ އޭދަފުއްޓަށްވަނީ ބާލާފައެވެ.
ރާއްޖޭގެ އިތުރު ތިންރަށަކާއެކު، އޭދަފުށީގައި ސަރުކާރުން ކުރިޔަށްގެންދާ ބިންހިއްކުމުގެ މިމަޝްރޫއުގެ ދަށުން އޭދަފުށިން 25 ހެކްޓަރަށްވުރެ ބޮޑުބިމެއް ހިއްކާނެކަމަށް ހަބަރުލިބެއެވެ. އޭދަފުށީގެ މިހާރުގެ ބޮޑުމިނަކީ 31 ހެކްޓަރުކަމަށް ކައުންސިލް އިދާރާއިން ބުނެއެވެ.