ރަމަޟާންމަހާ ގުޅިގެން ފެނަކަ ކޯޕަރޭޝަން އޭދަފުށީ އިންޖީނުގޭގެ މުވައްޒަފުންނަށް އެކުންފުނިން ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅާއި ބާސްމަތީ ހަނޑޫ އަދި ކަދުރު އަދި ހަތިމް ދީފިއެވެ.
އިއްޔެ މެންދުރު އޭދަފުށީ އިންޖީނުގޭގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި މިތަކެތި އިންޖީނުގޭގެ މުވައްޒަފުންނާއި ހަވާލުކޮށްދެއްވީ އޭދަފުށީ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރ އަހްމަދު އަންވަރެވެ. އެގޮތުން ކޮންމެ މުވައްޒަފަކަށް 24 ދަށުގެ ފެލިވަރު ތެޔޮމަސްކޭހަކާއި، 5 ކިލޯގެ ބާސްމަތީ ހަނޑޫ އަދި 250ގްރާމްގެ ކަދުރު ޕަަކެޓެއްގެ އިތުރުން ހަތިމެއް ހަވާލުކުރިއެވެ.
އޭދަފުށީ އިންޖީނުގެއިން ބުނީ މިއީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ފޮނުވި ތަކެތިކަމަށެވެ. މިދިޔަ އަހަރަުވެސް ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންނަށް ރޯދަ ހަދިޔާގެގޮތުގައި ފެލިވަރު މަސްދަޅު ކޭހެއް ދިނެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ބ. އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކުން އާންމު ރައްޔިތުންނަށް ރޯދަ ހަދިޔާ ދެމުންދާއިރު، ބައެއް އަމިއްލަ ފަރާތްތަކުންވެސް ރޯދަ ހަދިޔާގެ ގޮތުގައި ބައެއް ރަށްރަށުގައި އާންމުންނަށް ތަކެތި ބަހަމުން އެބަގެންދެއެވެ.