ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލައި ސިޔާސީ ބޭފުޅުންގެ މުސާރަތައް އުނިކުރަން ޖެހޭ: އެމްޕީ ސަލީމް

D8w80d5U0AAc4PZ-700x420_c.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތް ކަނޑާލައި ސިޔާސީ ބޭފުޅުންގެ މުސާރަތައް އުނިކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އަހުމަދު ސަލީމު ގޮވާލައްވައިފި އެވެ.

ސަލީމް މިހެން ގޮވާލެއްވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އިސްތިސްނާކޮށް ސަރުކާރަށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާ ނެގުމުގެ ހުއްދަ ދިނުމުގެ މައްސަލާގައި މިއަދު ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.

4.4 ބިލިއަން ރުފިޔާ ނެގުމުގެ ހުއްދަ ދިނުމުގެ މައްސަލާގައި ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ އެއީ ގާތްގަނޑަކަށް ފައިސާ ޗާޕު ކުރުން ކަމަށާއި އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި އިގްތިސޯދަށް ނުހަނު ގެއްލުން ވާނެ ކަމަށެވެ.

ނަމަވެސް ކޮވިދްގެ ސަބަބުން މިހާރު އިގްތިސާދު ދަށް ވެފައިވާތީ ދައުލަތް ހިންގުމަށް އިތުރު ފައިސާ ހޭދަ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކަން ކުރުމަށް ޓަކައި ދައުލަތުން ކުރާ ބައެއް ހަރަދުތައް އުނި ކުރުމުގެ ގޮތުން ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތް ކަނޑާލައި ސިޔާސީ ބޭފުޅުންގެ މުސާރަތައް އުނިކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

“ކުރިން ރައީސް ކަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ދައުލަތަށް ދެމުން ގެންދާ އިނާޔަތްތައް މިހާރުން މިހާރަށް ކަނޑާލަން ޖެހޭ، މަޖިލިސް މެންބަރުންނާއި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންގެ މުސާރަ ކުޑަކުރަންވީ، 20،000 އަށް ވުރެ މަތިން މިއިން އެއްވެސް ބޭފުޅެއްގެ މުސާރަ ހުރެގެން ނުވާނެ،” ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލުމާއި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންގެ މުސާރަތައް ކުޑަ ކުރުމަށް އިތުރުން ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަ20،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ގޮތެއް ހަދަން ޖެހޭ ކަމަށެވެ. މި ކަންކަމަށް އިތުރު ވަގުތުތަކެއް ހޭދަ ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި، އެއީ މިހާރުން މިހާރަށް އަޅަން ޖެހިފައިވާ ފިޔަވަޅުތަކެއްކަމަށް ސަލީމް ވިދާޅުވި އެވެ.

އެހެންނަމަވެސް މިފަދަ ދަނޑިވަޅެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އުނިކޮށްގެން ނުވާނެ ކަމަށާ ދައުލަތުން ހުރިހާ ހަރަދެއް ބަލަހައްޓަވާއިރު ކުރިޔަށް އޮތް ހަ މަސްދުވަހު ރައީސުލްޖުމްހޫރިއްޔާވެސް މުސާރަ ނުނެންގެވުމަށް ގޮވާލެއްވި އެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި ދެމުން ދަނީ މަހަކު 175،000 ރުފިޔާ އެވެ. އެ ގޮތުން ރައީސް މުހައްމަދު ނަޝީދު އާއި، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މާލީ އިނާޔަތް ލިބިވަޑައިގެންނަވަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top