ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގެ ފަރާތުން ދުނިޔޭގެ ޝެފުންގެދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި ބޭއްވި “ކަލިނަރީ ޗެލެންޖް 2017” ނިމުން ފާހަގަ ކޮށްފިއެވެ.
ބ.އަތޮޅަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާ އިނާމު ދިނުމުގެ ހަފްލާ ބާއްވާފައިވަނީ ރޭ އޭދަފުށީ މަލްޓި ޕާޕަސް ބިލްޑިންގގެ ޖަލްސާ ކުރާ ހޯލުގައެވެ.
30 ގްރޫޕުން ކޮންމެ ގްރޫޕެއްގައި ތިން މެންބަރުން ބައިވެރިކޮށްގެން ބޭއްވި މި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ހަނދުވަރީސް ޓީމެވެ. އެޓީމަށް ވަނީ ރަން މެޑެލް އާއި ޓްރޮފީ އާއި “ކަލިނަރީ ޗެލެންޖް 2017 “ގެ މެއިން ސްޕޮންސަރ ، ބެސްޓް ބައި މޯލްޑިވްސް އާއި ސީޖީއެމުން ދިން ފައިސާގެ އިނާމުގެ އިތުރުން އަމިއްލަފުށި އަދި ފިނޮޅު ރިސޯޓްގައި ދެ މީހަކަށް ތިން ރޭ ގެ ހިލޭ ހުރުމާއި ސޮނެވާފުށީ ރިސޯޓުން ހަތަރު މީހަކަށް މެންދުރުގެ ކެއުން ހަދިޔާ ކޮށްފައެވެ. އަދި ރޯޔަލް އައިލެންޑް ރިސޯޓްގެ އެކްޒެކެޓިވް ޝެފުންނާއެކު އެ ރިސޯޓްގައި ކެއްކުމުގެ ހާއްސަ ސެޝަނެއް ގައިބައިވެރި ވުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ. އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ އަންނަ އަހަރު މާލޭގައި އޮންނަ އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެޓީމަށް ލިބިފައި ވުމެވެ.
މި މުބާރާތުގެ ދެވަނަ ޓީމަކީ ރޯޒްމީޑް-5 އެވެ. މި ޓީމަށް ޓްރޮފީގެ އިތުރުން ސީޖީއެމް އާއި ބީބީއެމުން ފައިސާގެ އިނާމާއި އަމިއްލަފުއްޓާއި ފިނޮޅުރިސޯޓްގައި ދެ މީހަކަށް ދެ ރޭގެ ހުރުން ހަމަޖައްސައިދީފައި ވެއެވެ.
ތިންވަނަ ، ޓީމު ރިޓްރީޓަށް ވެސް ޓްރޮފީއާއި ގޯލްދް މެޑެލްގެ އިތުރުން ސީޖީއެމް އާއި ބީބީއެމުން ފައިސާގެ އިނާމާއި އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓްގައި ދެމީހަކަށް އެއް ރޭ ހިލޭ ހުރުން ހަމަޖައްސައިދީފައި ވެއެވެ.
މި ހަފްލާ ގައި ސީޖީއެމްގެ ރައީސް މަރިޔަމް ނޫރައްދީން ވަނީ މި މުބާރާތް ބޭއްވި މަގްސަދާ ބެހޭ ގޮތުން ވާހަކަ ދައްކާވާފައެވެ. އެކަމަނާ ވިދާޅުވީ މި މުބާރާތް އަތޮޅު ތެރޭގައި ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ދިވެހިވަންތަ ޒަމާނީ ކެއްކުމުގެ ހުނަރުތައް އަށަގަންނުވައި އެމީހުންގެ ރަހަތައް ޕްރޮމޯޓް ކުރުން ކަމުގައެވެ.
އަދި މި ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެކި ދާއިރާތަކުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރެއްވިއެވެ.