އުޅެ ބޮޑުވި ރަށާ ވަކިވެ އެހެން ރަށަކަށް ހިޖުރަ ކުރުމަކީ ހާދަހާ ގިނަ އެއްޗެއް ހިތަށް އަރާނޭ ކަމެކެވެ. ވަކިވެގެން މިދަނީ ހަމައެކަނި ރަށަކާ ނޫނެވެ. ރަށުގެ ލޮބުވެތި ފަސްގަނޑުގައި ވަޅުލެވިފައިވާ ކާބަފައިންގެ ހަނދާންތާކާ ޅައިރުގެ ހުރިހާ ފާހަގަތަކަކާ ތާރީޚްތަކާވެސް އެކުގައެވެ. އެހެނޭ ކިޔާފައި ގައުމެއްގައި ހެދޭ ގާނޫނަކުން އިސްތިސްނާ ވެވޭނެ ބަޔަކުވެސް ނުތިބޭނެކަން ގަބޫލު ކުރެވެން ވާނެއެވެ.
ބ.އުޑޫދޫއަށް އުފަން އަލީ ޒަކަރިއްޔާގެ ވާހަކައަކީވެސް މިއެވެ. އޭނާ އުޑޫދޫން ފައިބައިގެން އައީ ނުވަތަ އޭނާގެ ބަހުން ބުނާނަމަ ހިޖްރަކުރަން ޖެހުނީ ރާއްޖޭގެ ގާނޫނަށް ގެނައި ބަދަލަކާ ގުޅިގެންނެވެ. ހުކުރު ހަމަވާ 40 މީހުން ނެތް ކޮންމެ ރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ގާނޫން ފާސްވުމުން އެމަޅިން ދެން ބޯ ދަމައިގަނެވޭނެ ގޮތެއް ނޯންނާނެތާއެވެ.
25 އަހަރުގެ ޒުވާން އަލީއަށް ރަށް ދޫކޮށް ހިޖުރަކުރަން ޖެހޭނެކަން ކުރިންވެސް އޮތީ އެނގިފައެވެ. އެހެންވީމާ އެހެން މީހުން ފަދައިން އެޚަބާރު އިވުމާއެކު ހައިރާނެއް ނުވިއެވެ. ވެރިކަމުގެ ދާއިރާގައި އުޅޭ މީހަކަށް ވާތީ އެއަޑު ދާއިރާގެ ތެރޭގައި ގާނޫނަށް ބަދަލު ގެނައުމުގެ މާކުރިންވެސް ވަނީ އިވިފައެވެ.
އެ މުހިއްމު ތާރީޚަކީ17 އޮގަސްޓް 1968 އެވެ.
އުޑޫދު މީހުން އޭދަފުށްޓަށް ބަދަލުކުރީ އަތޮޅުގެ ހަތަރުރަށުގެ މަސްދޯނި ފަހަރުގައެވެ. މިދޯނި ފަހަރުގައި އުޑޫދޫ ރައްޔިތުން އެމީހުންގެ ހުރިހާ މުދަލާއެކު ދެރޭ ދެ ދުވާލުން ގެނެވުނު އިރު އުނޑޫދޫގެ އެންމެ އިސް މީހުންގެ ތެރެއިން އެކަކަށް އޭރު ހުރީ ބ. އޭދަފުށީ ވައިލެޓްވިލާ އަލީ ޒަކަރިއްޔާއެވެ. އޭނާ އޭދަފުށްޓަށް އައީ ފަހު ދުވަހުގެވެސް އެންމެ ފަހުންނެވެ. ރަށުގެ ވެރިއަކަށްވެސް ވާތީއެވެ. އެދުވަހުގެ ހަނދާންތަކާ އެ ހަނދާންތަކުގައި ހުރި ރިހުމާ ހިތްގައިމުކަން ހިއްސާ ކުރެއްވުމަށް 49 އަހަރު ފަހަތަށް އަޅުގަނޑު ގޮވައިގެން އޭނާ ދިޔައިރު އެވާހަކަތައް ޝައުގުވެރިއެވެ. ތާރީޚީ ހަނދާންތަކަކާ ވަޒަނުގެ ލޯބީގައި ރައްޔިތުން ރުއިރުއިން އެއީ މިއަދުވެސް އެރަށުގެ މީހުން އެމީހުންގެ ދަރިންނަށް ނާނާއެއްގެ ގޮތުގައާއި ހަނދާނުގެ ފަތްފުށްތަކުގައިވާ އެންމެ އަސަރުގަދަ ވާހަކައިގެ ގޮތުގައި ކިޔައިދެމުން އަންނަ ވާހަކަ ތަކަކަށް ވާނެއެވެ.
މި ތާރީޚީ ހަނދާންތަކުގެ އުސް އަލިތައް އީވީއާ ހިއްސާކުރަމުން އަލީ ބުނި ގޮތުގައި އޭދަފުށްޓަށް ހިޖުރަކުރުން އެއީ ގިނަ ބައެއްގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަހަށް ވެދާނެކަމުގައެވެ. ޚާއްސަކޮށް ދުވަސްވީ މީހުން ވަޒަނުގެ ލޯބީގައި އެދުވަސްވަރު އެމީހުން ރަށުން ބަދަލު ނުވެ ވޭތޯ ބޭކާރު މަސައްކަތްތަކެއް ކުރިއެވެ. ތަރައްގީއަށް ލޯ ނުހުޅުވި އޮތް ޒަމާނެއްގައި މީހުންގެ ވިސްނުންވެސް ހުރީ ރަށު ލޯބީގައި ރަށުން ލިބޭ ބަބުކެޔޮ ކޮޅުވެސް އެހެން ތަނަކުން ލިބޭ ބިރިޔާންޏަށްވުރެވެސް މީރުވާނެކަމުގައި ގަބޫލު ކޮށްގެންނެވެ. އެހެންވީމާ ބަދަލުވާން ޖެހުމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ވަކިވުމުގެ ހިތާމައިގާ ބައްދާލައިގެން ރުއިމަކީ އަޖައިބުވާން ޖެހޭ ކަމެއް ނޫނެވެ.
އެމީހުންގެ އެގަބޫލު ކުރުމުގެ ހަގީގަތަކީ އޭދަފުށްޓަށް ބަދަލުވުމަށްފަހު މަދު އަހަރު ކޮޅެއްގެ ފަހުން ރަށަށް އެނބުރިދާން ބޭނުންވާ ބަޔަކަށް އެފުރުސަތު ސަރުކާރުން ދިނުމުން ރަށަށް ދާން އުޅުމެވެ. (މިވާހަކަތައް މީގެ އެހެން ރިޕޯޓެއްގައި ގެނެސްދެވޭނެއެވެ. )
އެކަމަކު އެއީ އެހާ ރަނގަޅު ނިންމުމެއްކަމަށް އޭރުވެސް މިހާރުވެސް އަލީ ގަބޫލެއް ނުކުރެއެވެ.އެކަން ވައިގާ ނުހިފީވެސް އެކި މީހުންގެ ޚިޔާލު މިކަމުގައި މާ ބޮޑަށް ތަފާތު ވެގެންނެވެ.
“އާބާދީ ކުޑަވުމަކީ ރަށް ކުރިއަށް ދިއުމަށް އެޅޭނެ އެންމެ ބޮޑު ހުރަސް. ސަރުކާރުން އެފަދަ ރަށްރަށަށް ވެސް ވެރިންނާއި ރައްޔިތުންނާ ގުޅުން ހުރި އެހެނިހެން އަސާސީ ޚިދުމަތްތައް ފަހި ކޮށްދޭން ޖެހޭ އިރު އެކަންކަން ކޮށްދިނުންވާނީ ދަތިކަމަކަށް. އޭގެ ބަދަލުގައި އާބާދީ ބޮޑު ރަށަކަށް ބަދަލު ވުމުން ސަރުކާރަށްވެސް އެލިބުނީ ވަރަށް ބޮޑު ލުޔެއް. މީގެ އިތުރުން ވަސީލަތްތަކާއި ޚިދުމަތްތައް ލިބެން ހުރި ބޮޑު އާބާދީއެއްގައި ދިރިއުޅެން ފެށުމުން ކުރާނެ މަސައްކަތްތައް ގިނަވެ އާމްދަނީ ލިބޭނެ ބައިވަރު މަގުވެސް ހުޅުވިގެން ދާނެ. ”
އަލީ ބުނީ އުޑޫދޫ މީހުންނަށް މިހާރު އެ ތަޖްރިބާގެ ފޮނި މީރުކަން ލިބިފައިވާ ކަމުގައެވެ.
ތާރީޚި މުހިއްމު މި ހާދިސާ ހިނގާ ނިމުނުފަހުން 50 އަހަރު ފުރެން ކައިރިވާއިރު އަލީގެ ހަނދާނުގައި އަދިވެސް އެންމެ ތާޒާކޮށް ހުރިކަމަކީ އޭދަފުށްޓަށް ބަދަލު ކުރި ދުވަހު ކަންތައް ހިނގާ ދިޔަ ގޮތެވެ.އެހެން ކަންތައް މިހާ ދުވަސްވާއިރު އުމުރަށް އައި ބަދަލާއި އެކަމުގައި އާދަޔާ ޚިލާފުކަމެއް ނެތުމުން ހަނދާނުން ފިލީކަމަށް ބުންޏެވެ.
“އަހަރެމެން އޭދަފުށްޓަށް އައި ދުވަހު އޭދަފުށީ ރައްޔިތުން ގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ހޫނު މަރްހަބާއަކީ ހަނދާން ނުނެތޭނެ ކަމެއް. ޝުކުރުވެރިވާން ޖެހޭ ކަމެއްވެސް މެ. އޭދަފުށި އޮތީ އަހަރެމެންނަށް މަރުހަބާކިއުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި. ޚުދު އަހަރެންގެ ގެއަށް އެކަނިވެސް ދެމަސްދޯނި ބަރުކޮށްގެން ދެދުވަސް ވަންދެން އެކިއެކި ތަކެތި ގެނައި އިރު އެހުރިހާ އެއްޗެއް ބާލައި ގޭތެރެއަށާއި ގޯތިތެރެއަށް ޖަމާކޮށް ތަރުތީބު ކޮށްދިނީ އެމީހުންގެ ކޮނޑުތަކާއި އަތްތަކުން އުފުލައިގެން . މި ގޮތަށް ބޮޑެތި 20 ރިޔަނުގެ މަސްދޯނި ފަހަރުގައި ދެ ދުވަސް ވަންދެން ރަށުގެ ހުރިހާ ގެއަކުން އެމީހަކު ބޭނުން ވަރަކަށް ބޭނުން އެއްޗެއް ގެނެސްދީ އެ މުދާ އުފުލުމުގައި އޭދަފުށީ ރައްޔިތުން ވަރުބަލި ކަމެއްނެތި އުޅުނު އުޅުމަކީ އެއްގޮތަކަށްވެސް އާދައިގެ ކަމެއް ނޫން. މީގެ އިތުރުން 3 ދުވަސް ވަންދެން އަމިއްލަ ގޭގެ ބަދިދޭގައި އަލިފާން ލީ އެކަކުވެސް ނޫޅޭނެ. ރަށުގެ ކޮންމެ އާއިލާ އެއްގެ ކެއުމުގެ ކަންތައް ހަމަޖައްސައދީފަ ހުރީ އޭދަފުށީގެ ކޮންމެވެސް ގެއަކުން.”
އަލީ ބުނީ އާބާދީ ކުދި ރަށްރަށުގެ މީހުން ބޮޑެތި އާބާދީ އޮތް ރަށްރަށަށް ބަދަލުވުން ނޫންގޮތެއް ނޯންނާނެކަމަށެވެ. އެއީ އޭރުކަމަށް ވިޔަސް މިހާރުކަމަށް ވިޔަސް އެހާލަތު ބަދަލު ނުވާނެ ކަމަށެވެ. “މުޖްތަމައުން އެކަހެރިވެ ތަރައްގީއާ ދުރުގައި ވަކިން އޮތް ކުޑަ ރަށެއްގައި ދިރިއުޅެގެން ރަށަށް އަދި އާއިލާއަށް ލިބޭނީ ކޮން ކުރިއެރުމެއްތޯ ؟ ” އަލީ ސުވާލު އުފެއްދެވިއެވެ.
އެޑިޓަރުގެ ނޯޓް : އޭދަފުއްޓަށް އުޑޫދޫ އާއި ފުނަދޫ އަދި މާއްޑު މީހުން ބަދަލު ކުރިތާ 49 އަހަރު ފުރި 50 އަހަރުގެ ދުވަސް ތައް ގުނެވެމުން ދާއިރު އެރަށްރަށުގެ މީހުން އޭދަފުށްޓަށް ބަދަލު ކުރި ކުރުން ވާނީ ވަރަށް “ބޮޑު “ދުވަހަކަށެވެ. ފޮރުވިފައިވާ ބައިވަރު ހަނދާންތަކާ ފާޅު ނުކުރެވި ހުރި ވާހަކަ ތަކެއް ވެސް ހުންނާނެއެވެ. މި ސެގްމެންޓްގެ ފުރަތަމަ ރިޕޯޓް މި ޚާއްސަކުރީ ތިން ރަށުގެ ތެރެއިން އުޑޫދޫ ޒިންމާދާރު ވެރިއެއްގެ ވާހަކަ ކޮޅެކެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސް ތަކުގައި ފުނަދޫ އާއި މާއްޑޫ މީހުން އެދުވަހުގެ ހަނދާންތައް އީވީ އާ ހިއްސާ ކުރި ވާހަކަ ތަކުގެ ރިޕޯޓެއް ގެނެސްދޭނަމުއެވެ..