ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާތީ، މަދިރީގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ޑެންގީހުމަށް ސަމާލުވުމަށް ބ. އަތޮޅު ހޮސްޕިޓަލުން އެދިއްޖެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓުން މުޅިއަތޮޅުގެ ރައްޔިތުންގެ ކިބައިން މިކަމަށް އެދުނީ ދާދިފަހުން ބ. އަތޮޅުގެ ރަށްރަށަށް ކުރި ވިއްސާރައާގުޅިގެން އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޕަބްލިކް ހެލްތް ޔުނިޓްގެހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ މިކުރި ވިއްސާރައިގައި ފެންހެދޭޒާތަށްހުރި ތަންތަން ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ނުދީފިނަމަ، އެކަމުގެ ނުރައްކާ ކުޑަނުވާނެކަމަށެވެ.
“މީ އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ ވަގުތު. ކޮންމެއަހަރަކުވެސް ހުޅަނގު ވިއްސާރައާގުޅިގެން ޑެންގީހުން އާލާވާން ފަށަނީ. އެހެންވިމާ، މަދިރި އުފެދޭގޮތަށް ފެންހަރުލާ ޒާތުގެ ތަކެތި ހުރިނަމަ، އެކަން ރަނގަޅުކުރުމަށް އަތޮޅުގެ އެންމެހާ ރައްޔިތުންގެ ކިބައިން އެދެން. އެހެންނޫނީ ހުރިހާ އެންމެންނަށްވެސް މިކަމުގެ ނުރައްކާ އެބައޮތް” ސިދުގީ ވިދާޅުވިއެވެ.
ސިދުގީ ވިދާޅުވީ ޑެންގީހުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި ރުޅިރުޅި ކެންޕޭންގެ ދަށުން ބ. އަތޮޅުގެ ރަށްރަށުގައި ހިންގާ ޕްރޮގްރާމްގެ ޓާސްކް ފޯސް އެކުލަވާލުމުގެ މަސައްކަތް ނިމި ޕްރޮޤްރާމްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.