އޭދަފުށިން ޢަލީ ރަމީޒަށް ސިހުމެއް، އަދި މާޔޫސްކަމެއް

ali-rameez-dhiislam-news-wawe.jpg

ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި މިހާރު ޖަމިއްޔަތުއްސަލަފްގެ އިސް މެމްބަރެއްކަމުގައިވާ ޢަލީ ރަމީޒު މިދިޔަ ހަފްތާގެ ގިނަ ދުވަސް ހޭދަކުރެއްވީ އޭދަފުށީގައެވެ. އެ ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ އެކި ހިސާބުގައި ހިންގަމުން އަންނަ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް، އޭދަފުށީގައި ހިންގުމަށް ވަޑައިގަތް ބޭފުޅުންގެ ތެރޭގައި ހިމެނުމާ އެކުގައެވެ.

ޢަލީރަމީޒު އަކީ 90ގެ އަހަރުތަކުގައި ރާއްޖޭގައި އެންމެ ވިދާލި ދިވެހި ލަވަކިއުންތެރިޔާއެވެ. ދިވެހި ރާގުތަކުގެ ހަގީގީ ރާގުކަމަށް ރާއްޖޭގެ ހުރިހާ މުސީގާރުން މިއަދުވެސް ދެބަސްނުވާނެ ކުޅަދާނަ ރަން އަޑުގެ ވެރިޔާއެވެ. އަލީ ރަމީޒުގެ ނަމާ ގުޅުވައިގެން މިއަދު މަޝްހޫރުވެފައިވާ ފްރީޒް ބްރޭންޑް ގެ އަސްލު، ފްރީޒް ބޭންޑްގެ ބާނީވެސް މެއެވެ.

ޢަލީ ރަމީޒުއާ ބައްދަލުވީ އިއްޔެ އޭނާ ފުރަން ދެތިން ގަޑިއިރަށް ވެފައިވަނިކޮށް އޭދަފުށިގައި ހުންނަ ސަލްސާ ރީޓްރީޓްއިންނެވެ. ކޮފީ މޭޒަކުންނެވެ. އޭނާގެ ސާދާ މިޒާޖާއެކު ހިނިތުންވެހުރެ އަޅުގަނޑުމެންނަށް މަރުހަބާ ކިއެވެ. ފާއިތުވި ދެ ދުވަހު އޭނާއަށް އޭދަފުށިން ލިބުނު މެހެމާންދާރީއާ ހިތްހަމަޖެހުމާ އުފާވެރި އިހުސާސްތަކާއެކު ވާހަކަދައްކަމުން ދިޔައެވެ.

އަލީރަމީޒުގެ ކުރީގެ ޙަޔާތާއިބެހޭގޮތުން އަޅުގަނޑުމެން ސުވާލުކޮށްލީމެވެ. ލަވަކިއުން ދޫކޮށްލާފައި މުޅިން އެހެން މިސްރާބަކަށް މުޅިން އެހެން ‘އިންސާނަކަށް’ ޢަލީ ރަމީޒު ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ކުރުވެފައި ސާދާއެވެ.

“ﷲ ތަޢާލާ އިންސާނުން ދުނިޔެއަށް ފޮނުއްވީ ބޭކާރުގޮތެއްގައެއްނޫން. އެކަން ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފަ” ޢަލީރަމީޒު ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ވިސްނަންވީ ދުނިޔެއަށް އައީ ކީއްކުރަންތޯ އާއި ދުނިޔޭގައި މިއުޅެނީ ކީއްކުރަންތޯ ކަމުގައެވެ. އެކަން ރަނގަޅަށް ފުންކޮށް ވިސްނާލައިފިނަމަ، ހިތަށްއެރި ކޮންމެ ގޮތަކަށް އުޅެވެންނެތްކަން އެނގިގެންދާނެކަމަށް ޢަލީ ވިދާޅުވިއެވެ.

އޭދަފުށިން ފެނުނު އެންމެ ހިތްހަމަޖެހުނު ކަމަކީ ކޮބާތޯ އެހުމުން ވިދާޅުވީ އޭދަފުއްޓަކީ ވަރަށް ގަޔާވާ ރަށެއްކަމަށާއި އެންމެ ބޮޑަށް ހައިރާންވީ މިރަށުގައި އެއްގޮތަކަށްވެސް ވައްކަންކުރާ ކުދިން ނޫޅޭކަމަށް ރަށު މީހުން ބުނުމުންނެވެ.

“މިޒަމާނުގައި މިފަދަ ރަށެއް ވަރަށް މަދުވާނެ. އަޅުގަނޑަށް މިރަށުން އަޑުއިވިގެން މިދިޔައީ މިރަށަކީ އެއްގޮތަކަށްވެސް ވައްކަން ކުރާ ކުދިން އުޅޭ ރަށެއް ނޫނޭ. ހަމަ އަގުބޮޑެތި އެއްޗެހި ހުންނަ ބައެއް ތަންތަން އެއްގޮތަކަށްވެސް ތަޅު ނުލާ ހުންނަނީ ރޭގަނޑުވެސް. އެއީ ވަރަށް ބޮޑަށް ސިއްސައިގެން ދިޔަކަމެއް. މިއީ މިރަށުގައި އޮތް އާދަޔާޚިލާފު ހެވެއް.” އަލީ ވިދާޅުވިއެވެ.

އޭދަފުއްޓަށް މި ކުރި ޒިޔާރަތުގައި އޭނާވަނީ ބޮޑު މިސްކިތުގައި ބަންގި ގޮވައި އިމާމްވެ ނަމާދުކޮށް އޭނާގެ އަޑުން މީހުންނަށް އުފާވެރިކަން ގެނެސްދީފައެވެ. ކުރިން ލަވަކިޔަމުން އައި ރަންއަޑުން ވިރުވާ އަޅަމުން ގެންދިޔަ ލަވަތަކުގެ ޖާދުގައި ޖެހިފައި ތިބި މީހުން މިއަދު ހަމަ އެއަޑުން ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތައް އަޑުއަހާފައި އޭދަފުށިގެ ގިނަ ބަޔަކު އޭނާއަށް ތައުރީފް އޮއްސަމުން ދިޔައެވެ.

މާގިނަ ވާހަކަތަކެއް ދައްކަން ފުރުސަތެއް ނުލިބުނެވެ. ނަމަވެސް ލިބުނު ކުޑަވަގުތުކޮޅުގެ ތެރޭގައި ޢަލީ ރަމީޒުއާ ގިނަ ވާހަކަތަކެއް ދައްކާލެވުނެވެ. ފަހު ސުވާލެއްގެގޮތުން މިސްކިތުގެ ޖަމާޢަތާއިގުޅޭގޮތުން ސުވާލުކޮށްލީމެވެ.

” މާޝާ ﷲ ކުރިއަށްވުރެ ޖަމާއަތަށް ހާޒިރުވާ މީހުންގެ އަދަދު މާބޮޑަށްވެސް ގިނަ. އެއީ ދީނީ ހޭލުންތެރިކަން އިތުރުވީކަމުގެ ވަރުގަދަ ހެއްކެއް. ހޭލުންތެރިކަން އިތުރުވީ ވަރަކަށް ނަމާދާ ގާތްވުން އިތުރުވާނެ. ”

މާޔޫސްވާން ޖެހުނު ކަމެއްވެސް ވިދާޅުވިއެވެ. “ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް މި ރަށުގައި ފަތިސްނަމާދުގެ ޖަމާއަތުން ފެނުނު މީހުންގެ ޢަދަދު ވަރަށް މަދު. ފަތިސްނަމާދުގެ ޖަމާޢަތަކީ ވަރަށްގިނަ ބަޔަކު ފަރުވާކުޑަކޮށްފައިވާ ނަމާދެއް. އެކަން މިރަށުންވެސް ހަމަ ފެނިގެން މިދިޔައީ. އަދި އިންޝާﷲ ރަނގަޅުވާނެ.” އަލީ ރަމީޒުގެ ކަންބޮޑުވުން ހާމަކޮށްލިއެވެ.

އޭދަފުއްޓާމެދު އަލީ ހިތުގައި ޚާއްސަ ގަދަރަކާއި ލޯތްބެއް އެބައޮތްކަން އެނގުނީ އޭނާގެ ހިތުގައި އޭދަފުށީ ރައްޔިތުންނާމެދު އޮތް ލޯބި ހާމަކުރުމުންނެވެ. ” އަޅުގަނޑު މިރަށަށް މީގެ ގާތްގަނޑަކަށް 8 އަހަރުކުރިންވެސް އައިން. އެއީ އާޒިމް ގެ ރައްޓެހިކަމުގަ. މިދަތުރުވެސް ރޭވީ ހަމަ އޭނަ ކައުންސިލާ ގުޅިގެން. އޭނާގެ މުޅި ޢާއިލާއަކީވެސް ވަރަށް ހެޔޮ ބައެއް މާޝާﷲ. އަސްލުގަ މިރަށަކީ އަޅުގަނޑާ އާއިލީ ގޮތުން އެއްވެސް ގުޅުމެއް އޮތް ރަށެއްނޫން. އެކަމަކު މިރަށުން އަޅުގަނޑު ނުދެކެން އަޅުގަނޑު ފެނުނީމަ ހީލާފަ ސަލާމް ގޮވާނުލާ މީހަކު. އެއީ ވަރަށް އުފާވާ ކަމެއް” ޢަޞްރު ނަމާދަށް ބަންގި ގޮވަން ޢަލީރަމީޒު ދާން ތެދުވަމުން އެންމެފަހު ވާހަކައެއްގެގޮތުގައި ޢަލީ ވިދާޅުވިއެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު