ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދޭ، ނުބައި މަރަކުން މަރުވުމުން ދުރުކޮށްދޭ ކަމެއް: ޚުތުބާ

157307_3_f7177d048280d668c19687d0eeae29b58a1e59c5_medium.jpg

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދެއްވައި ރިޒްގު ތަނަވަސްކޮށްދެއްވައި ނުބައި މަރަކުން މަރުވެދިއުމާ ދުރުހެލި ކުރައްވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ ”ރަހިމުގެ ގުޅުން ދެމެހެއްޓުން“ މި މައުޟޫއަށެވެ

ޚުތުބާގައި ބުނީ, ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ގާތްތިމާގެ މީހުންނަށް އިހުސާންތެރިވުމާއި އެ މީހުންނަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލުއަހުވާލު ބަލައި އެ މީހުންނަށް ހެޔޮ ފޯރުވުން ކަމަށާއި އެ މީހުންނަށް ޒިޔާރަތް ކުރެވެން ނެތް ހާލަތެއްގައި މިއަދު ފޯނުން ގުޅައި ހާލުއަހުވާލު ބަލައި, މުނާސަބަތުތަކުގައި ތަހުނިޔާ ބަދަލުކުރެވިދާނެ ކަމަށެވެ.

އަދި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއް ކަމަށާއި އެއީ މާތް الله ގެ ހަޒުރަތާ ތިމާ ކުއްތަން ކޮށްދޭނޭ ހެޔޮ އަމަލެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ, އެއީ މާތް الله ގެ ހަޒްރަތުގައި ވަރަށް މާތް ކަމެއް ކަމަށާއި ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުގައި الله އަށް އަޅުކަން ކުރުމާއި ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުން އެކުއެކުގައި ގެންނަވާފައިވާ ކަމަށެވެ.

”ނަސަބު ދަސްކުރުމަށް ރަސޫލާ އަންގަވާފައި ވާއިރު ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އަތްމަތި ތަނަވަސްކޮށްދީ ރިޒުގު އިތުރު ކޮށްދޭނެ ކަމެއް ކަމަށް ރަސޫލާ ހަދީސް ކުރައްވާފައި ވެއެވެ. ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައި ވެސް އުގޫބާތް ލިބޭނެ ކަމަށް ވެސް ރަސޫލާ ހަދީސް ކުރައްވާފައި ވެއެވެ.“ ޚުތުބާގައިބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެއީ އީމާންކަމުގެ އަލާމާތްތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ. اللهގެ ރުހިވޮޑިގަތުން ލިބުމުގެ އިތުރުން ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ ލިބޭނެ ކަމެއް ކަމަށާއި ފާފަ ފުއްސަވާކަމެއް ކަމަށްވެސް ޚުތުބާގައި ބުންޏެވެ. އަދި ރަހިމުގެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް الله ގަބޫލު ނުކުރައްވާނެ ކަމަށް ވާރިދުވެފައިވާ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް އުގޫބާތް ލިބޭނޭކަން އަންގަވައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާ ކަމަށް ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top