ލޮކްޑައުނަށް ދިން ލުއިތަކަށްފަހު ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތާމެދު މަޝްވަރާކުރައްވައިފި

img_md_202007090802321594306952.0626.jpg

ލޮކްޑައުނަށް ދިން ލުއިތަކުގެ ނަތީޖާތަކާއި ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ކޮވިޑް -19 އާ ގުޅިގެން ލޮކްޑައުންގެ ހާލަތަށް ދިން ލުއިތަކާއި ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރެއްވުމަށް ނިންމަވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުކީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ކޮވިޑް19 ގެ ހާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ސިލްސިލާ ގޮތަކަށް ބާއްވަވަމުން ގެންދަވާ ބައްދަލުކުރެއްވުމެކެވެ.

އެ ބައްދަލުކުރެއްވުމުގައި އާންމު ދިރިއުޅުން ބަހައްޓަންވީ ގޮތްތަކާއި، މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރެއްވުނު ކަމަށާއި ސިއްހީ ދާއިރާއިން އެކަމަށް ވަމުންދާ ތައްޔާރީތަކާއި، ދިމާވާ ގޮންޖެހުންތަކުގެ އިތުރުން އެ ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާއި ބެހޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރީންނާއި ރައީސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ރައީސްއޮފީހުގެ ބައެއް އިސް ވެރިންނާއި، ސިއްހީ ދާއިރާގެ މާހިރުން އަދި ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިސް ވެރިންނާއި، ފުލުހުންނާއި، ސިފައިންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން މިިިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މުޅި މާލެ ފުރަބަންދުކޮށް ރަށްރަށަށް ދަތުރުކުރުން މަނާކުރިއެވެ. އަދި އޭގެ ފަހުން މިދިޔަ މަހުގެ 15 އިން ފެށިގެން ވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއްދީ އާންމުންނަށް ބޭރަށް ނުކުމެވޭނެ ފުރުސަތު ދީފައެވެ. އަދި މާލެއަށް އެހެން ރަށްރަށުން އެއްވެސް ހުއްދައަކާ ނުލައި އާދެވޭ ގޮތަށްވެސް މިހާރު ވަނީ ލުއި ދީފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ 2517 މީހަކު ފެނިފައިވާއިރު ބަލީގައި 13 މީހުން ވަނީ މަރުވެފައެވެ. އަދި 2180 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top