ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ ދަތިކަމުގައި ވެސް، އެކި ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ދެއްވައިފިއެވެ.
ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަަން އުފުލެމުން އަންނާތީ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގަވަރުނަރު މީޑިއާއަށް ވިދާޅުވީ ކޮވިޑް19 ފެތުރުމުގެ ސަބަބުން އެކިގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައުމުން، ޓޫރިޒަމްގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން އައި ޑޮލަރު ސަޕްލައި ހުއްޓިފައިވާ ކަމަށެވެ.
“ކޯވިޑް 19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ތެރެއިންވެސް އެމްއެމްއޭގެ ދައުރު ފުރިހަމައަށް އަދާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން. ކޯވިޑްގެ ހާލަތު އައުމުގެ ކުރިންވެސް ރާއްޖޭގައި ޑޮލަރަށް އުފެދިފައި އޮންނަ ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެމް އެމް އޭއިން އެކި ސްޓްރެޓަޖީ ބޭނުން ކުރަމުން ގެންދޭ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ޑޮލަރު އެތެރެކުރުންވެސް ހިމެނޭ. މިފަދަ ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަން.” ގަވަރުނަރު ވިދާޅުވިއެވެ.
މިހާރުވެސް ކޮވިޑް ހަލަތާއި ގުޅިގެން އާއްމު ވިޔަފާރިތަކާއި، އެކި އެސް އޯ އީ ތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް މި ދަނީ ޑޮލަރު ދޫކުރަމުންކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މިގޮތުން، ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރި ތަކެތި އެތެރެކުރުމަށް ޚާއްސަކޮށްގެން ޑޮލަރު ދޫކުރަމުން ގެންދާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ދައުލަތުގެ ރަސްމީ ރިޒާވް ތަންދޭ މިންވަރަކުން، ޑޮލަރު ފެސިލިޓީސްތައް މެދުވެރިކޮށްގެން ކަމުގައި ވީނަމަވެސް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަގީންކަން ގަވަރނަރ ވަނީ ދެއްވާފައެވެ. އިގްތިސާދީ ގޮތުން ކުރިމަތިވާ މިފަދަ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވޭނީ އަމިއްލަ ފަރުދުންނާއި، ދައުލަތުގެ އެކި އިދާރާތަކާއި، ވިޔަފާރިތަކާއި އެކުގައި މަސައްކަތްކޮށްގެން ކަމުގައި ޤަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ ކަމަށް ރާއްޖޭގެ ގަވަރުނަރު ވިދާޅުވި ނަމަވެސް ވިޔަފާރިވެރިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18ރ. އަށް އުފުލިފަ އެވެ. އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފި ނަމަ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ބުނެ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.