އަމިއްލަ ކުންފުންޏަކުން އޭދަފުށީ ބޮޑުމިސްކިތަށް ކާޕެޓް ހަދިޔާ ކުރަން ނިންމައިފި

miskiy-1-800x450-800x450.jpeg

ބ. އޭދަފުށި ހުކުރު މިސްކިތުގެ ޖަމާއަތުގައި ބަޔަކު ނަމާދުކުރަނީ. މިސްކިތުގެ ކާޕެޓް އާކުރުމަށް އަމިއްލަ ކުންފުންޏަކުން ހިލޭ އެހީ ދިނުމަށް އެްބަސްވެފައިވާކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: އޭދަފުށި ވޮއިސް

އަމިއްލަ ކުންފުންޏަކުން އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) އަށް އާކާޕެޓެއް ހަދިޔާ ކުރުމަށް ނިންމައިފިކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކާޕެޓް ހަދިޔާ ކުރަން ނިންމީ އޭދަފުއްޓާ ގުޅުންހުރި ކުންފުންޏަކުންކަމަށާ، އެކަމާބެހޭ މަޝްވަރާތައް ކުރިޔަށްދާތީ، ކުންފުނީގެ ނަން ހާމަކުރެވެން އަދި ނެތްކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ ބޮޑު މިސްކިތުގައި އަޅާފައިވާ ކާޕެޓް ވަރަށް ބޮޑަށް ބާވެފައިވާތީ، އާކާޕެޓެއް ހޯދުމަކީ ކައުންސިލުން ވަރަށް އިސްކަންދޭ ކަމެއްކަމަށާ، އަމިއްލަ ކުންފުންޏަކުން ކާޕެޓް ހަދިޔާ ކުރަން އެއްބަސްވުމަކީ އޭދަފުށީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެކަމަށެވެ.

“ދިހަވަރަކަށް އަހަރުވެއްޖެ މިހާރު އަޅާފައި އޮތް ކާޕެޓަށްވެސް. އަޅުގަނޑު ކައުންސިލާ ހަވާލުވިއިރުވެސް އެންމެ ބޮޑު އެއްޝަކުވާއެއް ލިބެމުން އައީ މިސްކިތުގެ ކާޕެޓްގެ މައްސަލާގައި. އިރާދަކުރެއްވިއްޔާ ދެން މާލަސްތަކެއް ނުވެ މިކަން ހަމަޖެހިގެންދާނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް” ތޮލާލް ވިދާޅުވިއެވެ.

އޭދަފުށި ބޮޑުމިސްކިތަށް ކާޕެޓް ހަދިޔާކުރަން އަމިއްލަ ކުންފުންޏަކުން ނިންމިއިރު، މިސްކިތުގެ ކާޕެޓް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، ކާޕެޓް ބަދަލުކުރުމަށް ރައްޔިތުންގެ މާލިއްޔާއިން 289610 ރުފިޔާ ހަރަދުކުރުމަށް ފެންނަކަމަށް މިދިޔަ ދައުރުގެ ކައުންސިލުން ފާސްކޮށްފައިވެއެވެ. ނަމަވެސް ކައުންސިލާ ހަވާލުވުމަށްފަހު މިހާރުގެ ރައީސް ތޮލާލް ވިދާޅުވީ ކާޕެޓް ގަތުމަށް މާލިއްޔާއިން ހަރަދުކުރުމަކީ އެންމެ ހަމަޖެހޭ ގޮތްކަމަށް ނުދެކޭ ކަމަށާ، ވިޔަފާރިވެރިންނާ މަޝްވަރާކޮށްގެން ކާޕެޓެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.

ތޮލާލް ވިދާޅުވީ ކާޕެޓްގެ އިތުރުން ބޮޑު މިސްކިތުގެ ގުއްބުގެ އެތެރޭގައި ހަރުކުރުމަށް ސީލިންގް ބޮޑު ފަންކާއެއް ހޯދުމާބެހޭގޮތުންވެސް ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރެވެމުންދާކަމަށާ، މަޝްވަރާތަކަށް ބޮޑެތި ކުރިއެރުން ލިބެމުން އަންނަކަމަށެވެ.

“ދެފަރާތަކާ މިހާރުވެސް މަޟްވަރާ ކުރެވޭ އެބަ އޭދަފުށީގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން. ފަންކާ އަދި ނުލިބޭ އެހެންނަމަވެސް ލިބުނު ކުރިއެރުންތަކަށް ބަލާއިރު އެކަންވެސް ލަސްނުވެ ހަމަޖެހޭނެކަމަށް އަޅުގަނޑު މިބަލަނީ”

އޭދަފުށީ ރައްޔިތުން ރަށު ބަންދުގައި ތިބެގެން ހިލޭސާބަހަށް ކުރި މަސައްކަތާއި، ސަރުކާރުގެ އެހީއާއެކު 1995 ވަނައަހަރު ބިނާކުރި މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގައި އެންމެ ފުރަތަމަ ކާޕެޓްއެޅީ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އޭގެފަހުން ކާޕެޓް އާކުރީ 2007 ވަނައަހަރުތެރޭގައެވެ. މިދެފަހަރު އެމިސްކިތުގެ ކާޕެޓް އެޅުމުގައި އޭދަފުށީގެ މަހުޖަނު އޭދަފުށީ ޗާންދަނީގޭ އަހްމަދު ނަޒީރުގެ ބޮޑު އެހީތެރިކަމެއް އޭދަފުށީ ކައުންސިލަށް ލިބިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top