މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރަމުންދާ ނޫޓު ސީރީޒްގެ 20 ރުފިޔާގެ އައު ސްޓޮކެއް ގެނެސްފިއެވެ.
އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، 20 ރުފިޔާގެ ނޫޓުގެ އައު ސްޓޮކެއް ގެނައީ އެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުންނެވެ. މި ސްޓޮކް ރާއްޖެ ގެނެސްފައިވަނީ މިއަދު ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިއީ 100 ރުފިޔާގެ ނޫޓުގެ ސްޓޮކް ވެސް މަދުވުމާ ގުޅިގެން މިމަހުގެ 2ވަނަ ދުވަހު 100 ރުފިޔާގެ އައު ސްޓޮކެއް ގެނައުމަށްފަހު، އިތުރުކުރެވުނު ސްޓޮކެކެވެ.
އެނގިފައިވާ ގޮތުގައި 20ރ. ގެ ނޫޓު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ ރޯދަ މަސް ކައިރިވަމުން އަންނާތީ، އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު އިތުރުވެ، ނަގުދު ފައިސާގެ މުއާމަލާތްތައް ގިނަވުމުގެ ސަބަބުންނެވެ. އެކަން ބައެއް ވިޔަފާރިވެރިން ވެސް ދަނީ ފާހަގަކުރަމުންނެވެ.
ފައިސާގެ ނޫޓުތަކުގެ ސްޓޮކް މަދުވާ ހާލަތްތަކުގައި އައު ސްޓޮކް ޕްރިންޓްކޮށްގެން ގެނައުމަކީ މަރުކަޒީ ބޭންކުތަކުން އާއްމު އުސޫލުން ކުރާ ކަމެކެވެ.
ނަމަވެސް، މިއީ އިގްތިސާދުގެ ތެރެއަށް އިތުރަށް ފައިސާ ނެރުމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ބޭނުންކުރަމުންދާ ފައިސާގެ ސްޓޮކް ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ “ރަން ދިހަފަހެއް” ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2016 ވަނަ އަހަރު ތައާރަފުކުރި ނޫޓުތަކެކެވެ. މި ނޫޓުތަކަކީ ރާއްޖޭގެ ސަގާފަތާއި އަމިއްލަވަންތަކަން ދައްކުވައިދޭ، ސެކިއުރިޓީ ފީޗާސްތައް ވަރުގަދަ ނޫޓުތަކެކެވެ. ވަކިން ހާއްސަކޮށް، ފެހުރިއްސެއްގެ ކުރެހުން ހިމެނޭ 1000 ރުފިޔާގެ ނޫޓަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ބޮޑު ސަމާލުކަމެއް ލިބިފައިވާ ރީތި ނޫޓެކެވެ.








