އިންތިޚާބަކާއި ނުލައި ލޯކަލް ކައުންސިލުގެ 28 ގޮނޑި ޕީއެންސީއަށް ކަށަވަރުވެފައިވާ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހާމަކޮށްފިއެވެ.
އީސީން މިއަދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިޢުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، އިންތިޚާބު ވި ފަރާތްތަކުގެ މަޢުލޫމާތު އާއްމުކޮށްފައެވެ.
އެގޮތުން އާއްމު ކުރި ލިސްޓުގައިވާގޮތުން ވެރިކަން ކުރާ ޕީއެންސީއަށް 28 ގޮނޑިއެއް ވަނީ ލިބިފައެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. ޕީއެންސީއަށް ލިބުނީ :
ހއ. އުތީމު، ހއ. ބާރަށް، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ، އދ. ދިއްދޫ، ކައުންސިލްގެ ރައީސްގެ ގޮނޑިތައް. ހއ. ތުރާކުނު، ބ. ދޮންފަން، ކ. ގުޅި، އދ. ކުނބުރުދޫ، ވ. ފުލިދޫ، ވ. ފެލިދޫ، މ. ރަތްމަންދޫ އަދި ލ. މުންޑޫ ކައުންސިލްގެ މެންބަރުގެ ގޮނޑިތައް. ތ. ވިލުފުށި ކައުންސިލްގެ މެންބަރުގެ ދެ ގޮނޑިއެއް ލިބިފައިވޭ. އަދި ހއ. އުތީމު، ށ. މަރޮށި، ރ. ފައިނު، ރ. ކިނޮޅަސް، އއ. ހިމަންދޫ، އދ. ދިއްދޫ، ވ. ފެލިދޫ އަދި ލ. މުންޑޫގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގެ އިތުރުން ބ. އޭދަފުއްޓާއި ތ. ވިލުފުށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއެއް ވެސް ޕީއެންސީއަށް ލިބިފައިވޭ.
މީގެ އިތުރުން، އަދާލަތު ޕާޓީއަށް އެއް ގޮނޑި ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރާ ތިން މީހަކަށް ވަނީ ގޮނޑި ކަށަވަރުވެފައެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ، 42 ގޮނޑިއެއް ޕީއެންސީއަށް ކަށަވަރުވެފައިވާއިރު، އެމްޑީޕީއަށް ކަށަވަރުވީ ފަސް ގޮނޑިއެވެ.
އަދި، އަދާލަތު ޕާޓީއަށް އެއް ގޮނޑި ކަށަވަރުވީއިރު އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށަހެޅި ދެ ކެންޑިޑޭޓަކު ވަނީ ގޮނޑި ކަށަވަރު ކޮށްފައެވެ.
ކައުންސިލް އިންތިހާބު އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހެވެ.






