ތުޅާދޫއަށް ތިން ހާފިޒުންގެނެސް ތިން މިސްކިތުގައި ތަރާވިސްކުރަން ފަށައިފި

DJI_0232.jpg

ބ. ތުޅާދޫ

ބ. ތުޅާދޫއަށް ބިދޭސީ 3 ހާފިޒުންގެނެސް އެރަށުގައި ހުރި ފިރިހެނުންގެ 3 މިސްކިތުގައި ތަރާވީޙް ނަމާދު ކުރަން ފަށައިފިއެވެ.

ތުޅާދޫއަށް ތިން ހާފިޒުން ގެނެސް ތަރާވީޙު ނަމާދު ކުރަން މިފެށީ ރޯދަމަސް ފެށުމުގެ ކުރިން ޙާފިޒުން ގެނައުމުގައި މިއަހަރު ބ. އަތޮޅުގެ ގިނަ ރަށްރަށް ފެއިލް ވެފައިވަނިކޮށެވެ. ބ. ތުޅާދޫ ކައުންސިލުން ބުނީ އެރަށަށް ޙާފިޒުން ގެނައީ އަވައްޓެރި ސްރީލަންކާއިންކަމަށާ، ޙާފިޒުން ގެނައުމުގައި މާބޮޑު ދައްޗެއް ކުރިމަތިނުވާ ކަމަށެވެ. އެރަށު ކައުންސިލްގެ އޮފިޝަލަކު އީވީއަށް ވިދާޅުވީ މި ތިން މީހުންވެސް ގެނައީ އަމިއްލަ މީހެއްގެ އެހީގައެވެ.

ޙާފިޒުން ގެނައުމުގައި އަތޮޅުގެ ގިނަ ރަށްރަށަށް ދަތިތަކެއް މެދުވެރިވެފައި އޮތުމަށްފަހު މިހަފްތާތެރޭގައި އަތޮޅުގެ ބައެއް ރަށްރަށަށް ޙާފިޒުން ގެނެސްފައިވެއެވެ. އެގޮތުން ގޮއިދޫއާ، އޭދަފުށި، މާޅޮސް އަދި ދަރަވަންދޫއާ، ދޮންފަނުގެ އިތުރުން ކިހާދޫއަށް މިހަފްތާވަނީ ޙާފިޒުން ގެނެސްފައެވެ. ރޯދަމަސް ފެށުމުގެ ކުރިން ޙާފިޒުން ގެނެވުނީ ތުޅާދޫއާއި، ފުޅަދޫއަށް އެކަންޏެވެ. ހިތާދޫގައި ތަރާވީޙު ނަމާދު ކުރަމުން ގެންދަނީ ޒަމާނުއްސުރެ ތަރާވީޙު ނަމާދުގައި ޚަތިމް ކުރަމުން އަންނަ އެރަށުގެ ހާފިޒް ޝައިޚް އިބްރާހީމްއެވެ.

ތުޅާދޫގައި ތިން މިސްކިތެއްގައި ބިދޭސީ ޙާފިޒުން ގެނެސްގެން ތަރާވީޙު ނަމާދުގައި ޚަތިމުކުރަމުންދާއިރު މިއީ ބ. އަތޮޅުގެ ރަށެއްގައި ތިން މިސްކިތެއްގައި އެއްފަހަރާ ތަރާވީޙު ނަމާދުގައި ޚަތިމްކުރާ ފުރަތަމަ ފަހަރަށްވާނެއެވެ.

ތަރާވީޙު ނަމާދުކުރުމަށް ބިދޭސީ ޙާފިޒުން ގެނައުމުގެ ރޫހު އަތޮޅުތެރޭގައި ބޮޑުވެގެން ގޮސްފައިވަނީ މިދިޔަ ހަތަރު ފަސްއަހަރުގެ ތެރޭގައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު