”އާ އުސޫލު މިނިސްޓްރީއަށް ހުށަހަޅައިފި. އެޕްރީލް މަހު ގޯއްޗަށް އެދި ފޯމް ހުށަހެޅޭނެ“

ރޔރޔރ.jpg

އޭަދަފުށި ހިއްކު ބިމުން ތަންކޮޅެއް

ގޯތި ދޫކުރުމަށް ހަދާ އުސޫލު ރަށު ކައުންސިލުން ފައިނަލް ކުރުމަށްފަހު ޕްލޭނިންގ މިނިސްޓްރީއަށް މިހާރު ހުށައަޅާފައިވާ ކަމަށާއި އަންނަ އޭޕްރީލް މަހު ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އޭދަފުށީ ކައުންސިލުން އަނެއްކާވެސް ބުނެފިއެވެ.

ފޯމް ހުށައެޅުމަށް ހުޅުވާލެވޭނެ ކަމަށް ރަށު ކައުންސިލުން އަނެއްކާވެސް ބުނެފައި މިވަނީ އޭދަފުށީ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ހިއްކިތާ 10 އަހަރު ފަހުންނެވެ. އަދި ގޯތި ބޭނުންވާ އެތައް އާއިލާއެއް އެ ހިތްދަތި ކަމުގައި އުޅެމުން އަންނަތާ 34 އަހަރު ފަހުންނެވެ. އޭދަފުށިން އެންމެ ފަހުން ގޯތި ދޫކުރީ 1989ވަނަ އަހަރު އެވެ.

ގޯތީގެ ވާހަކަދައްކައިގެން ވޯޓު މޫސުމުގައި ރައްޔިތުންގެ ބޮލުގައި ތެތްގޯނި އެޅުވުމަކީ އެންމެން ދަންނަ ބާ ކަމެކެވެ.

އޭދަފުށީ ކައުންސިލުން ކުރިން ނިންމާފައި އޮތީ 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ކަމަށްވިޔަސް މިހާރު ނިންމާފައިވަނީ ވަނީ ކުރިން ބުނިއެތި ކެންސަލް ކޮށް 1200 އަކަފޫޓުގެ 183 ގޯތި ދިނުމަށެވެ.

އޭދަފުށި ހިއްކި ބިމުން ގޯތި ދޫކުރުމަށް ކައުންސިލުން އެންމެ ފުރަތަމަ ހުޅުވާލީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް ގޯތި ދޫކުރުމުގެ އުސޫލުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ޕްލޭނިންގ މިނިސްޓްރީން އެންގެވުމުން އެކަން ހުއްޓާލީ އެވެ.

އޭގެ ފަހުން 2020 ވަނަ އަހަރު ގޯތި ދިނުމުގެ އާ އުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ނިންމިއެވެ. 158 ގޯއްޗަށް އެދި 662 ފަރާތަކުން ހުށައެޅި ފޯމުތައް ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށައެޅުމަށް ހުޅުވާލީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މި ފަހަރު  ގޯތި ދިނުމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ އާންމު ފަރާތަކުން އުޞޫލާ ޚިލާފަށް ގޯތި ދޫކުރިކަމަށް ބުނެ އޭދަފުށީ ކޯޓަށް ހުށައެޅުމުން އެކަން މަޑު ޖައްސާލުމަށް ކޯޓުން އަމުރު ކުރެއްވުމުންނެވެ.

އެއްއަހަރާ ހަމަހެއްހާ ދުވަހަށް ދިގުދެމިގެން ދިޔަ މި މައްސަލަ ކޯޓުން ނިމުނީ ކައުންސިލުން ގޯތި ދޫކުރުމުގެ ކަންކަން ކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ 183 ގޯތި ދޫކުރުމަށް ހަދާ އުސޫލު ކައުންސިލުން ފައިނަލް ކުރުމަށްފަހު ޕްލޭނިންގ މިނިސްޓްރީއަށް މިހާރު ވާނީ ހުށައަޅާފައި ކަމަށެވެ. އަދި އުންމީދަކީ މިއަހަރުގެ އޭޕްރީލް މަހު ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

އުސޫލުތަކަށް އެންމެ ފަހުން ގެނައި ބަދަލުތަކުގެ ތެރެއިން ބޮޑު ބަދަލެއްގެ ގޮތުގައި ރައީސް ފާތިހު ފާހަގަ ކުރެއްވީ  ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ އުސޫލެއް އޮތުމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top