ހިބަޅިދޫ ބަންދުކޮށްފައި ބޭއްވުމުން މާޅޮހުގެ އިގްތިސާދަށް ބޮޑުގެއްލުމެއްވޭ – މާޅޮހު ކައުންސިލް

DSCN2526.jpg

ބ. މާޅޮހު އަންހެނަކު ފަންގިވިނުމުގެ މަސައްކަތުގައި. ހިބަޅިދޫ ބަންދުކޮށްފައިވާތީ މިމަސައްކަތަށް ވަނީ ހީނަރުކަން އައިސްފައި / އީވީ ފައިލް ފޮޓޯ

ބ. ހިބަޅިދުއަށް އާންމުން އެރުން މަނާކޮށްފައި އޮތުމުން ބ. މާޅޮހުގެ އިޤްތިސާދަށް ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މާޅޮހު ކައުންސިލުން ބުނީ މާޅޮހާ ކިލޯމީޓަރަކަށް ވުރެ ކައިރީގައި އޮތް ހިބަޅިދޫއަކީ އެރަށުގެ އާންމުން ފަންގިވިނުމަށާއި، އެކިކަހަލަ އިގްތިސާދީ ބޭނުންތަކަށް ފަނާއި، އެފަދަތަކެތި ހޯދުމަށް ކުރިން ކޮންމެ ދުވަހަކުވެސް ދަތުރުކުރި ރަށެއް ކަމަށެވެ. ކައުންސިލުން ބުނީ އެރަށަށް އެރުން 2015ވަނަ އަހަރު ސަރުކާރުން މަނާކުރުމާއެކު މާޅޮހުގެ އަންހެންވެރިން ކުރަމުންއައި ފަންގިވިނުމުގެ މަސައްކަތުގެ ބޮޑުބައި ހުއްޓިފައިވާ ކަމަށާ، އެކަމުގެ ސަބަބުން މާޅޮހަށް ވަންނަ ފައިސާ އެތައް ގުނައެއް ދަށްވެފައިވާކަމަށެވެ.

މަޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ 2015 ވަނައަހަރު އެރަށް ބަންދުކުރުމާއެކު، މިހާރު ފަން ހޯދުމުގައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް ސަރުކާރުގެ އެކި ވުޒާރާތަކުގައި ދަންނަވަމުންދާކަމަށާ، މިހާތަނަށް  ހައްލެއް ނުލިބޭ ކަމަށެވެ.

“ނުދަންނަވާ އެއްވެސް އިދާރާއެއް ނޯންނާނެ. ރައީސް އޮފީހުގައިވެސް ދަންނަވައިފިން. ހޯމް މިނިސްޓަރަށްވެސް ދަންނަވައިފިން. ޓޫރިޒަމަށްވެސް ދަންނަވައިފިން. އަދި ހޯމް މިނިސްޓަރާ އަޅުގަނޑު ބައްދަލުކޮށްފައި ދަންނަވަންވެސް ދަންނަވައިފިން. އެކަމަކުވެސް ކޮޅަކު ޖެހޭގޮތެއް ނުވޭ” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެރަށުގެ އަންހެނުން ފަންގިވިނުމުގެ މަސައްކަތް ކޮށްގެން ކުރިން މަހެއްގެ މައްޗަށް ލައްކައިން އެރަށަށް ފައިސާ ވައްދަމުންދިޔަ ނަމަވެސް މިހާރު އާމްދަނީ ވަރަށްބޮޑަށް ދަށަށްގޮސްފައިވާ ކަމަށެވެ.

މިކަމާގުޅިގެން އެރަށުން އީވީއާ ވާހަކަދެއްކި ފަންގިވިނުމުގެ މަސައްކަތުގައި އުޅޭ މީހަކު ބުނީ މިކަމުގެ ސަބަބުން ފަންހޯދުމަށް މިހާރު ދަތުރުކުރަންޖެހެނީ ދުރު ރަށްރަށަށްކަމަށާ، އެކަމަށް ބޮޑުހޭދައެއް ކުރަންވެސް ޖެހޭކަމަށެވެ.

“ޒަމާނުއްސުރެ މި ރަށު މީހުން ފަންގި ވިނުމަށް ފަން ގެންނަނީ ހިބަޅިދޫން. އެކަމަކު ސަރުކާރުން މިހާރު އެރަށް އޮތީ ބަންދުކޮށްފައި. އެރަށަށް އެއްވެސް މީހަކު އެރުމަކީ މަނާކަމަކަށް ވާތީވެ ފަން ހޯދަން ދާން މި ޖެހެނީ ދުރު ރަށްރަށަށް.” އޭނާގެ ކަންބޮޑުވުން އީވީއަށް ކިޔައިދެމުން ބުންޏެވެ.

މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ ސައީދު ވިދާޅުވީ ފަންގި ވިނުމަކީ މާޅޮހަށް އާމްދަނީ ލިބޭ މައިގަނޑު ދޮރާށިކަމާއި ހިބަޅިދޫން ފަން ލިބުން މުޅިން ހުއްޓުމަކީ މާޅޮހުގެ ތަރައްގީވެސް ހުއްޓުންކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

“މިހާރު ގަސްދުކުރަނީ އަންހެންވެރިންގެ ޓީމަކާއެކު މާލެގޮސް ކަމާ ބެހޭ މުވައްސަސާތަކާ ތަކުގައި މި ވާހަކަ ދަންނަވައި މިކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރުން. އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުވާނެ. ” ސައީދު ވިދާޅުވިއެވެ.

dscn2398

ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު އީވީއަށް އިންޓަވިއުދެއްވަނީ / ފޮޓޯ: އީވީ

ބ.ހިބަޅިދޫ ، އެމްއެންޑީއެފް ގެ ދަށަށް ގެންގޮސް އެރަށަށް އެރުން އާއްމުންނަށް ބަންދު ކޮށްފައިވަނީ 2015ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެރަށުން ގިނަ އަދަދެއްގެ ހަތިޔާރު ފެނުމާއި ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top