އަންހެން ދަރިފުޅާމެދު ޖިންސީ އަމަލެއް ހިންގުމަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދިން ހދ. ކުޅުދުއްފުށީ ޕެންޒީމާގޭ ނަސީމާ އަލީ، 18 އަހަރާއި ހަ މަސްދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
މި މައްސަލައިގައި ދައުލަތުން ނަސީމާގެ މައްޗަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ދެ ދައުވާއެއް އުފުލިއެވެ. ފުރަތަމަ ދައުވާއަކީ 2014 ވަނަ އަހަރުން ފެށިގެން ނަސީމާގެ އަންހެން ދަރިފުޅާމެދު ތަފާތު އެކި ދުވަސްމަތިން ޖިންސީ އަމަލު ހިންގުމަށް މާލޭ، ހ. ގޯލްޑަންޝަވާ މަހްމޫދު ހުސެއިނަށް ހިތްވަރުދީ، އެކަމަށް މަގުފަހިވާނެ ގޮތަށް އަމަލުކޮށްފައިވާތީ ކުރި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުވުމުގެ ކުށުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ އެ ކުއްޖާއާމެދު އެ މީހާ ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ ކުރި، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ހިމެނޭ މަހްމޫދު ހުސެއިނަކީ ބޮޑުބޭބެއެއްގެ މަގާމުގައި ހުރެ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، 17 އަހަރާއި 6 މަސްދުވަހަށް ޖަލަށްލުމަށް 2016 ވަނަ އަހަރު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިހާރުވެސް ހުކުމްކޮށްފައިވާ މީހެކެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ނަސީމާގެ މައްޗަށް ހިންގި ޝަރީއަތަށްފަހު، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި 18 އަހަރަށް، އަދި ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ ރިޕޯޓް ނުކުރުމުގެ ކުށުގައި 6 މަސްދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް އެ ހުކުމްތައް ނަސީމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދަށު ކޯޓުގައި މައްސަލަ ހިންގިއިރު މައްސަލައިގެ ލިޔުންތައް ނަސީމާއަށް ލިބުނުކަން ކަށަވަރު ނުކުރެވޭކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތްކަމަށް ބަޔާންކޮށް، ގާނޫނުއަސާސީގައި ބަޔާންކުރާ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތް އޭނާއަށް ލިބިދީފައި ނުވާކަމަށް ނިންމައި، ކުޅުދުއްފުށީ ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކުރިއެވެ.
ހައިކޯޓުގެ މި ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މައްސަލަ ބެލުމަށްފަހު އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ ނަސީމާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި ދަށު ކޯޓުން ނަސީމާއަށް އެކަށީގެންވާ ވަސީލަތް ލިބިދީފައި ނުވާކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އެ ޙުކުމްގައިވެއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުގައި ނަސީމާ 18 އަހަރަށް ޖަލަށްލުމަށާއި، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގައި 6 މަސްދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމް ދަމަހައްޓަން އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައެވެ.





