ބ.އަތޮޅުގައި އަލަށް ހުޅުވަން ތައްޔާރުވެފައިވާ ވައްކަރު ރިސޯޓުގެ ފަރާތުން ހިތާދޫ ކައުންސިލާ ބައްދަލުކޮށްފިއެވެ.
ހިތާދު ކައުންސިލްގައި އިއްޔެ ހަވީރު ބޭއްވި މިބައްދަލުވުމުގައި ވައްކަރު ރިސޯޓުގެ އެންމެ ބޮޑު އެދުމަކަށްވީ ރިސޯޓުކައިރީގައި މަސްވެރިކަން ކުރާ ފަރާތްތަކުން އެމީހުންނަށް އުނދަގޫ ވާގޮތަށް ކަންކަން ނުކުރުމާއި އެކަންކަން ހުއްޓުވައި ދިނުން ކަމަށް ހިތާދޫ އޮންލައިން އިން މައުލޫމާތު ދެއެވެ.
ހިތާދޫ ކައުންސިލުގެ ނާއިބުރައީސް މުޙައްމަދު ޙަސަން އާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ މި ބައްދަލުވުމުގެ ސަބަބުން ހިތާދޫ ރައްޔިތުންނަށް ގިނަ ކަންތަކެއް ފަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައެވެ.
އޭގެ ތެރޭގައި ހިތާދޫގައި އުފެދޭ ކުނި ނައްތާލުމުގައާއި ހިތާދޫ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއެކު އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމުގައި އެ ރިސޯޓުގެ އެއްބާރުލުން ދިނުމާބެހޭ ގޮތުން މަޝްވަރާ ކުރެވުނުކަމުގައެވެ.
މީގެ އިތުރުން ސްކޫލުން ހިންގާ އެކި ހަރަކާތްތަކާއި ޚާޢްޞަކޮށް ތިމާވެށީގެ ކަންކަމުގައި އެރިސޯޓުގެ އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމުގައި ވިދާޅުވިކަން ފާހަގަ ކުރެއްވިކަމަށެވެ.
ހިތާދޫ ކައުންސިލުން ބުނީ ވައްކަރު ރިސޯޓުން އެދޭ ކޮންމެ ކަމެއްގައިވެސް ހިތާދޫ ކައުންސިލް އޮތީ އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމުގައެވެ.