ރާއްޖޭގެ ރަށްރަށާއި، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
ޕޭ ކޮމިޝަންގެ އެ ނިންމުމާއެކު އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ މަހަކު 7،000 ރުފިޔާއެވެ. އަދި ނައިބު ރައީސުންނަށް 6،500 ރުފިޔާ ލިބޭއިރު މެންބަރުންނަށް ލިބެނީ 6،000 ރުފިޔާއެވެ. ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 6،000 ރުފިޔާ ލިބޭއިރު، ނައިބު ރައީސުންނަށް 5،500 ރުފިޔާ އަދި މެމްބަރުންނަށް 5،000 ރުފިޔާ މަހަކު ލިބެއެވެ.
ނަމަވެސް މި ބަދަލާގުޅިގެން ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ ވަނީ 41,500 ރުފިޔާއަށް ބޮޑުކޮށްފައެވެ. ތަފްސީލަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ 33,000 ރުފިޔާގެ އަސާސީ މުސާރައާއި 8,500 ރުފިޔާގެ ލިވިން އެލަވަންސެކެވެ.
ސިޓީތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސްގެ އަސާސީ މުސާރައަކީ 5000 ރުފިޔާއެވެ. އަދި ބާއްވާ ކޮންމެ ބައްދަލުމެއްގައި ބައިވެރި ވެއްޖެނަމަ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާލިބޭއިރު، ބައްދަލުވުން ތަކަށް އެންމެ ގިނައިން މަހެއްގެ މައްޗަށް ލިބޭނީ 2000 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. މިއާއެކު ސިޓީތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސް އަށް މަހަކު 7000ރ. ލިބޭނެއެވެ. އަދި ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރަކަށް މަހަކު 6000ރ.ގެ އެލަވަންސެއް ދޭނެއެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރައަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ރަށްރަށުގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ 21,000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 16,500 ރުފިޔާގެ އަސާސީ މުސާރައާއި 4,500 ރުފިޔާގެ ލިވިން އެލަވަންސެވެ.
ރަށްރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސްގެ އަސާސީ މުސާރަ 4000ރ. އަށް ބޮޑުކޮށްފައިވާއިރު، އަދި ބާއްވާ ކޮންމެ ބައްދަލުމެއްގައި ބައިވެރި ވެއްޖެނަމަ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބޭނެއެވެ. އަދި ބައްދަލުވުންތަކަށް އެންމެ ގިނައިން މަހެއްގެ މައްޗަށް ލިބޭނީ 2000 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއާއި އެކު ރަށްތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސަށް ކޮންމެ މަހަކު ޖުމްލަ މުސާރައިގެ ގޮތުގައި 6000 ރުފިޔާ ލިބޭނެއެވެ. ރަށު ކޮމެޓީތަކުގެ މެންބަރުންގެ އެލަވަންސަކީ މަހަކު 5000 ރުފިޔާއެވެ.
އަންހެނުން ކޮމިޓީ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިސް ކެމްޕޭން ތެރޭ ވައުދުވެވަޑައިގެންނެވިއެވެ. އެ ގޮތުން، މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފި ނަމަ އަންހެނުން ކޮމިޓީ ބާރުވެރިކޮށް، ބަޖެޓު ދެގުނަ ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ގޮތުން، މިދިޔަ ރޯދަމަހާ ދިމާކޮށް އަންހެނުން ކޮމިޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭން ވެސް މަޖިލީހުން ފާސްކުރިއެވެ.





