އޭދަފުށީ އަންހެނުންގެ ކޮމެޓިން ކުރިއަށް ގެންދިޔަ ”ކުކަރީ ކޯސް“ ކާމިޔާބާއެކު ނިންމާލައިފި

DSCN0731.jpg

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ކުރިއަށްގެންދިޔަ ''ޖުވޭސް ކުކަރީ ކޯސް'' ނިންމުމުގެ ރަސްމިއްޔާތު

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން، އަންހެނުންނަށް އަމާޒު ކޮށްގެން ހިންގި ކުކަރީ ކޯސް ކާމިޔާބާއެކު ނިންމާލައިފި އެވެ.

”ޖުވޭސް ކުކަރީ ކޯސް“ގެ ނަމުގައި އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ ރޭ އޭދަފުށީ މަލްޓި ޕާޕަސް ބިލްޑިންގ ގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

މި ކޯސް ފުރިހަމަކުރި 45 ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލު ކޮށްދެއްވީ އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހާއި އަންހެނުން ކޮމެޓީގެ ކުރީގެ ރައީސާ، އާއިޝަތު ހުސޭނެވެ.

ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އައިޝަތު ވަނީ ކުރު މުއްދަތެއްގައި އޭދަފުށީ އަންހެނުން ކޮމެޓީ ރަނގަޅު ކާމިޔާބު ތަކެއް ހޯދާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ކޮމެޓީގެ މަސަައްކަތްތަކަށް ހިތްވަރު ދެއްވައި ކުރިމަގުގައިވެސް ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ކޮމެޓީގެ ރައީސާ، ޒީމާ އިބްރާހީމް ވިދާޅުވީ މި ކޯސް ކާމިޔާބާއެކު ފުރިހަމަ ކުރެވުނު ނަމަވެސް ކޯހުގައި ދަސްކުރި އެއްޗެއްގެ ބޭނުން ނުހިފޭނަމަ މިކުރެވުނީ ބޭކާރު ކަމެއް ކަމަށެވެ.

”އަޅުގަނޑުމެން ކިޔަވަން އުޅުނު އިރު މުދައްރިސުން ވިދާޅުވާ ހަރުބަހެއް ، ފޮތެއް އޮތަކަސް އެދުރެއް ނުވާނެއޭ. މި ބަސް މިއަދު މިޖަލްސާގައި އަޅުގަނޑު ހަނދާން ކޮށްލަދޭން ބޭނުންވަނީ މި ކޯސް ފުރިހަމަ ކުރެއްވި ކަނބަލުންނަށް. މާނައަކީ އެއްޗެތި ތަކެއް ދަސްކޮށްފައި އޮތަސް އޭގެ ބޭނުން ނުކުރެވޭނަމަ ކިޔެވުމުގެ ބޭނުމަކީ ކޮބައިތޯ.“ ޒީމާ ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ އޭދަފުށީގައި ކުކަރީ ކޯސްތަކާއި ކޭކު އަޅަން ދަސްކޮށްދޭ ކޯސްތަކާއި ފެހުމުގެ ކިތަންމެ ކޯހެއް ފުރިހަމަ ކޮށްފައި ތިއްބެވި އެތައް ކަނބަލުން އުޅުއްވާއިރު އެމަސައްކަތް ކުރާތަން ފެންނަނީ ހާހަކުން އެކެއް ކަމަށެވެ. އެކަމަކު މި ފަހަރު އެހެން ނުހައްދަވައި މި ކޯހުން ދަސްވި އެއްޗެއްގެ ބޭނުން ކުރެއްވުމަށް ބައިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.

ކޯސް ފުރިހަމަކުރެއްވި ބައިވެރިއެއްގެ ގޮތުން ވާހަކަދެއްކެވި ސޮފީނާޒް ވިދާޅުވީ މިކޯހުން ގިނަ ވައްތަރުތަކުގެ ކެއުމާއި ބުއިންތައް ތައްޔާރުކުރަން ދަސްވެއްޖެ ކަމަށާއި އޭގެ އިތުރުންވެސް ގިނަ ކަންތައް ތަކެއް ދަސްވި ކަމަށެވެ. އެހެންކަމުން މިކަހަލަ ފަހި ފުރުސަތެއް ދެއްވި ކަމަށް ޓަކައި އޭދަފުށީ އަންހެނުންގެ ކޮމެޓީއަށް އޭނާ ޝުކުރު އަދާ ކުރެއްވިއެވެ.

7 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިކޯހުގައި ކިޔަވައިދެއްވީ ކެއްކުމާބެހޭ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ޖުވޭރިޔާ ވަޖްދީ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top