ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ :ޢަބްދުﷲ ނަޢީމް އިބްރާހީމް                                            (19 އޮކްޓޯބަރ އާއި ގުޅޭ)

ޙަޤީޤީ މުޢުޖިޒާތް

އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ތިން ހަތަރު މާއްދާއެއް އެކުވެގެންނެވެ. ފެނާއި، ކާރބަނާއި، އޮކްސިޖަނާއި، މީގެ އިތުރުން ބައެއް މާއްދާތައް އެކުވެގެންނެވެ. ބޭރު ފުށަށް ބަލާއިރު އިންސާނާއަކީ މި ދެންނެވުނު ފަދަ ހައެއްކަ މާއްދާގެ މަސްހުނިގަނޑެކެވެ. ރޮބަރޓް ޕެޓިސަން  (R. Pattison) އިންސާނާގެ ހަށިގަނޑުގައި އެކުލެވިފައިވާ މިދެންނެވުނު މާއްދާތަކުގެ އަގުބަލައި ހިސާބުކުރިއެވެ. ބާޒާރުގެ އަގުތަކަށް ބަލާއިރު މިތަކެތީގެ އަގު އަރަނީ ހަ ޑޮލަރު ބަޔަށެވެ. އެއީ ގާތްގަނޑަކަށް ދިވެހި ރުފިޔާގެ އަށްޑިހަ ވަރަކަށް ރުފިޔާއެވެ.

ދުނިޔޭގެ އެއްވެސް ފައިސާއަކުން އަގު ނުކުރެވޭ ފަދަ އަގުހުރި އިންސާނާ ހައްދަވާފައިވަނީ “އަށްޑިހަ ރުފިޔާ” ގެ ސާމާނުންނެވެ. އަށްޑިހަ ކަރަބު ރުފިޔާއިންވެސް އެ އިންސާނާގެ އަގު ޢަދަދެއް ނުކުރެވެއެވެ.

އިންސާނާގެ އަގު ބޮޑުކަން ވަޒަން ކުރެވެނީ އޭނާގެ ގުނަވަނެއް ކަނޑާލަން ނުވަތަ ހަށިގަނޑުން ވަކިކޮށްލަން ޖެހުނީމައެވެ. އިންސާނާގެ އަތް އޭނާގެ ހަށިގަނޑުން ވަކިވެގެން ހިނގައްޖެނަމަ އެތައް އަރަބު ޑޮލަރެއް ޚަރަދުކޮށްގެންވެސް އެ ކަހަލަ އަތެއް ނުލިބެއެވެ. އިންސާނާގެ ލޮލުގެ ފެނުން ގެއްލިއްޖެނަމަ ދުނިޔޭގެ ހުރިހާ ފައިސާ ޚަރަދުކޮށްގެންވެސް ރަނގަޅު ލޮލެއް ނުލިބެއެވެ. އިންސާނާގެ ދުލުގެ ބާރު ކެނޑި ވާހަކަ ދެއްކުން ހުއްޓިއްޖެނަމަ ދުނިޔޭގެ އެއްވެސް ބާޒާރަކުން ވާހަކަ ދެއްކޭ ކަހަލަ ދުލެއް ހޯދުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.

ﷲ ގެ ކުޅަދުންވަންތަކަން ކިހައި ބޮޑުތޯއެވެ؟ އެއްވެސް އަގެއްނެތް މާއްދާތަކަކުން އިންތިހާއަށް އަގުބޮޑު އެއްޗެއް އުފައްދަވަނީއެވެ. އެއްވެސް ދިރުމެއް ނެތް އެއްޗެއް ދިރޭ އެއްޗަކަށް ބަދަލު ކުރައްވަނީއެވެ. އެއްވެސް އަސަރެއް ނުކުރާ، ޝުޢޫރެއް ނުހިނގާ މާއްދާތަކަކުން އަސަރު ކުރާ، ޝުޢޫރު ހިނގާ މަޚްލޫޤަކު އުފައްދަވަނީއެވެ.

ޖާދޫގަރަކު ހިލަގަނޑަކުން އަޑު ނެރޭތަން ފެނުމުން މީސްތަކުން ޙައިރާންވެ، އަންތަރީސް ވެއެވެ. އެކަމަކު މާއްދީ ތަކެތިން އެތައް އިންސާނުންނެއް އުފައްދަވައި، ވިސްނުމާއި، ހަކަތަ ދެއްވާފައިވާ ތަން ފެނި އެކަކުވެސް ޙައިރާން ވެގެންނެއް ނޫޅެއެވެ. ޖާދޫގަރުންގެ މޮޅުކަން ފެނިފައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން ނުފެންނަ މީހުންނަކީ އަނދިރި މީހުން ކަމުގައި ފަހެނުވޭތޯއެވެ؟ ދޮގު މުޢުޖިޒާތްތައް ދައްކާ މީހުންގެ ކުރިމަތީގައި ކިޔަމަންތެރިވެ ބޯލަނބާފައި، ޙަޤީޤީ މުޢުޖިޒާތް ދައްކަވާ ފަރާތަށް ނުކިޔަމަންތެރިވާ މީހުންނަކީ ބުއްދި އޮޅި، މަގު ގެއްލިއްޖެ ބަޔަކަށް ނުވޭތޯއެވެ؟

އިންސާނާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާއާ ކުއްތަން ވެވިއްޖެނަމަ އެކަލާނގެ ކުޅަދުންވަންތަ ކަމަށް ގެއްލި ނިމިދާނެއެވެ. ﷲ ފިޔަވައި އެއްވެސް ފަރާތެއްގެ ހޭވަރިކަމެއް ނުހުންނާނެއެވެ.

އެންމެމަތިވެރި ފަރާތް

މަޝްހޫރު ހިސާބު ޢިލްމުވެރިއެއްކަމަށްވާ ސަރ މައިކަލް ފްރެންސިސް އަތިޔާ މުމްބައި އަށް ކުރެއްވި ޒިޔާރަތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ ހިސާބު ޢިލްމުވެރިއެކޭ ބުނުއްވާފައި ވެއެވެ. ﷲ އަކީ ހިސާބު ޢިލްމުވެރިއެއް ކަމަށް ބުނާ މީހުންގެ ޢަދަދު މަދެއްނޫނެވެ. މީގެ ފަންސާހަކަށް އަހަރު ކުރިން ސަރ ޖޭމްސް ބުނުއްވާފައިވާ ގޮތުގައި ދުނިޔެއަކީ ހިސާބު ޢިލްމުވެރިޔަކު ހަދާފައިވާ އެއްޗެކެވެ. އޭގެ އެތައް ޤަރުނެއް ކުރިން ޕައިތަގޮރަސް ބުނުއްވާފައިވާ ގޮތުގައި ދުނިޔޭގައިވާ ހުރިހާ ތަކެއްޗަކީވެސް ހިސާބުގެ ޢަދަދުތަކެކެވެ. ޕިކާސޯގެ ނަޒަރުގައި ﷲ އަކީ ކުރެހުންތެރިއެކެވެ. އޭނާ ބުނުއްވައެވެ. “ﷲ އަކީވެސް ކުރެހުންތެރިއެކެވެ. ފުއްލާ އާއި، ނީލަގެރި އެތާއި، ބުޅާ އުފެއްދެވީ ﷲ އެވެ.” އައިންސްޓައިން ބުނުއްވާ ގޮތުގައި ﷲ އަކީ ވަރަށް ނާޒުކު، އެއްވެސް މީހަކަށް ގެއްލުމެއް ދެއްވަން އެދި ވޮޑިގެންނުވާ، އެކަމަކު ވަރަށް ހުޝިޔާރު ފަރާތެކެވެ.

ކާއިނާތަށް ފުންކޮށް ނަޒަރު ހިންގާ މީހަކަށް އެއްކަމެއް އިޙުސާސް ކުރެވޭނޭކަން ޔަޤީނެވެ. އެއީ، ޚުދު ތިމާއަށްވުރެވެސް ބާރުގަދަ، ބޮޑު ފަރާތެއްވާ ކަމެވެ. ކާއިނާތަށް ނަޒަރު ހިންގާލުމުން ހިސާބު ޢިލްމުވެރިންނަށް ޖެހެނީ ރަކިވެ، އިސްޖަހައިލާށެވެ. އެމީހުންނަށް އިޙްސާސްވާނީ ހިސާބު ޢިލްމަށް އެމީހުންނަށްވުރެ މޮޅު ފަރާތެއްވާ ކަމެވެ. ﷲ އަކީ ވަރަށް މޮޅު ހިސާބު ޢިލްމުވެރިއެކޭ ބުނެވެނީ އެހެންވެގެންނެވެ. ކުރެހުންތެރިޔާއަށް ކާއިނާތުން ފެންނަ މޮޅު ހުނަރުތަކާއި “ކުރެހުން” ތަކުގެ ސަބަބުން ކުރެހުމުގެ މަތިން ހަނދާންނެތި، ފިހި އަތުން ދޫވެދެއެވެ. ﷲ އަކީ ކުޅަދާނަ ކުރެހުންތެރިއެކޭ ބުނެވެނީ އެހެންވެގެންނެވެ. ބުއްދިވެރިއަކު ކާއިނާތުގެ ކަންތައްތަކުގެ ޙިކުމަތާމެދު ވިސްނައި، ފިކުރުކޮށްފިނަމަ ޙައިރާންވެގެންގޮސް ތަލިން ކުޅު ހިކިދެއެވެ. އޭނާއަށް އެނގި، ފައުޅުވާ ޙަޤީޤަތަކީ ދުނިޔޭގެ ހުރިހައި ބުއްދިވެރިންނަށްވުރެވެސް ބުއްދިވެރި ފަރާތެއްވާ ކަމެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ އެންމެ މޮޅު ހިސާބު ޢިލްމުވެރިޔާއެވެ. އެންމެ ކުޅަދާނަ ކުރެހުންތެރިޔާއެވެ. އެންމެ ބޮޑު ބުއްދިވެރިޔާއެވެ. އަދި މި ނޫނަސް “އެންމެ” ކުރިއަށްލާފައި ކިޔޭ ހުރިހާކަމެއް މިލްކުވެވޮޑިގެންވާ ފަރާތެވެ. ކާއިނާތުގެ ނިޝާންތައް ނުފެންނަ މީހާއަކީ އަނދިރި މީހެކެވެ. އެ ނިޝާންތައް ފެނިފައިމެ، ޤަބޫލު ނުކުރާ މީހާއަކީ މޮޔައެކެވެ.

ކަލަކު ވޮޑިގެންވާ ކަމުގެ ހެކި

އިންސާނާއަށް ވުޖޫދެއް ލިބިފައިވާނަމަ ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލު ނުކުރެވެންވީ ސަބަބެއް ނެތެވެ. ވަޔާއި، ފެނާއި ގަހާއި، ހިލަޔާއި، ހަނދާއި، ތަރިތަކުގެ ވުޖޫދަށް އީމާންވާ މީހާގެ ހިތުގައި މިހުރިހާ ތަކެއްޗެއް ހެއްދެވި ފަރާތެްވާ ކަމާމެދު ޝައްކު އުފެދެންވީ ކީއްވެގެންހެއްޔެވެ؟ ޙަޤީޤަތުގައި އެއްޗެއްގެ ވުޖޫދަކީ އެ އެއްޗެއް ހެދި ނުވަތަ އުފެއްދި ފަރާތެއްވާ ކަމުގެ ހެއްކެކެވެ. އިންސާނާގެ ވުޖޫދަކީ އައްސަވައި ވޮޑިގެންވާ، ބައްލަވައި ވޮޑިގެންވާ ޚާލިޤަކު ވާކަމުގެ ހެއްކެކެވެ. އެކަލާނގެއަކީ ތަދުބީރު ކުރައްވާ، ޚަލްޤުތަކުން ހައްދަވަން ކުޅަދުންވަންތަ ކަލެއް ކަމުގެ ދަލީލެކެވެ.

ﷲ ސުބްޙާނަހޫ ތަވަޢާލާއަކީ އަހަރެމެންގެ ލޮލަށް ނުފެންނަ ފަރާތެއްކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. ހަމަ އެހެންމެ މި ދުނިޔޭގެ އެއްވެސް އެއްޗެއް ހަމަ ލޮލަށް ނުފެންނަ ކަމީވެސް ފާޅުކަން ބޮޑު ޙަޤީޤަތެކެވެ. ކަންމިހެން އޮތްއިރު ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިމާންވުމުގައި ލޮލަށް ފެނުން ޝަރުޠަކަށް ވާން ޖެހޭތޯއެވެ؟

އުޑުގައި ތަރިތައް ވިދައެވެ. އިންސާނާ ހީކުރަނީ ތިމާއަށް ތަރިތައް ފެންނަނީ ކަމަށެވެ. އެހެންނަމަވެސް ޢިލްމީ ގޮތުން ބަލާއިރު މިއީ ހަމައެކަނި ކުރެވޭ ހީއެކެވެ. އަހަރުމެންގެ ލޮލަށް ފެންނަ ތަރިތަކަކީ ޙަޤީޤަތުގައި މީގެ އެތައް އަހަރެއް ކުރިން ތަރިތަކުން ވަކިވެގެން ބިމާ ދިމާއަށް އައިސްފައި ހުންނަ އަސަރެކެވެ. ނުވަތަ ވިދުވަރެކެވެ.

މިއީ ހުރިހައި އެއްޗެއްގެވެސް ޙާލެވެ. މިދުނިޔޭގައި އިންސާނާއަށް “ފެންނަ” ހުރިހައި އެއްޗަކީވެސް ވަހުމެކެވެ. އަސަރެކެވެ. އިންސާނާއަށް އެ އެއްޗެއްގެ ޙަޤީޤީ ސިފައިގައި އެކައްޗެއްވެސް ނުފެނެއެވެ. މިހާރު އިންސާނާއަށް ލިބިފައިވާ ޤާބިލިއްޔަތަށް ބަދަލެއް ނައިސް ނުވެސް ފެންނާނޭމެއެވެ.

އެއްޗެސް ކަހަލަ ދަލީލަކާނުލައި “ނުފެންނަ” ތަކެއްޗަށް އީމާންވާ މީހާ ދަލީލަކާ ނުލައި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވާން ފަސް ޖެހެނީ ކީއްވެގެންތޯއެވެ؟

ޙަޤީޤަތުގައި ދުނިޔޭގައި ލެއްވި މާއްދީ ތަކެތީގެ ވުޖޫދު ކަށަވަރުވާ ވަރަށްވުރެ މާ ބޮޑަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަން ސާބިތު ވެއެވެ. މިދުނިޔޭގައި ކޮންމެ އެއްޗެއްވެސް ސާބިތު ވަނީ ދަލީލު ތަކަކުންނެވެ. ކޮންމެ އެއްޗެއްގެވެސް ވުޖޫދު އެނގެނީ އެ އެއްޗަކުން ކުރާ އަސަރަކުންނެވެ.

އަހަރެމެންގެ ލޮލަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ނުފެންނަކަން ޔަޤީނެވެ. އެހެންނަމަވެސް އެކަލާނގެ ނިޝާންތަކުގެ ޒަރީޢާއިން އަހަރެމެންނަށް އެކަލާނގެ “ފެނެ” އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމުގެ ހެއްކަކަށް މިވަރު ފުދެއެވެ.(ނުނިމޭ )

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top