ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެދުވަހުގެ ނާމާންކަމުން ސަލާމަތްވުމަށް އޮތް މަގަކީ އީމާންވެ ހެޔޮ އަމަލު ކުރުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
”ގިޔާމަތްދުވަހާއި މަޙުޝަރު މައިދާނަށް ތައްޔާރުވާށެވެ!“ މި މައުޟޫއަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ވަނީ ގިޔާމަތް ދުވަހު މީސްތަކުންގެ ހާލަތު ހުންނާނޭ ގޮތުގެ މައްޗަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލާފައެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ގިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ. އެދުވަހުގެ ބިރުވެރިކަމުން، ކިރުމައިން އެކުދިންގެ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން ތިބޭނީ މަސްތުވެފައިވާ ފަދަ ހާލަތެއްގައެވެ. ނަމަވެސް އެއީ މަސްތުގެ ސަބަބުން ވާކަމެއް ނޫން ކަމަށާއި، އެއީ اللهގެ އަޒާބުގެ ގަދަފަދަކަމުން ވާކަމެއްކަން ޚުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ.
މަޙުޝަރު ބިމުގައި އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށް ނުދެވޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެދުވަހުން އިންސާނާ އޭނާގެ އަޚާއާއި، މަންމައާއި، ބައްޕަގެ އިތުރުން އަނބިދަރިންގެ ކިބައިން ފިލަން ދާނެ ކަމަށެވެ. އެދުވަހުގެ ބިރުވެރިކަމުން ކުޑަކުދިން މުސްކުޅިންނަށް ހަދާލާނެ ކަމަށާއި، އުޑު އިރައިގެންދާނެ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.
މިފަދަ ބިރުވެރި ދުވަހެއްގައިވެސް މީސްތަކުން ދެބަޔަކަށް ބެހިގެންވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އެއީ އުފާވެރިކަމާއި އަލިވެފައިވާ މޫނުތަކުގެ ވެރި މުއުމިނުންނާއި، ހިރަފުސް އެރި، ކަޅު އަނދިރިކަން ވެރިވެފައިވާ މޫނުތަކުގެ ވެރި ކާފިރުންނެވެ. މިއީ އީމާންވެ ހެޔޮ ޢަމަލުކުޅަ މީހުންނަށް އެދުވަހު ބިރެއް ނެތްކަމުގެ ހެކިތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ، ގިޔާމަތް ދުވަހު އިންސާނާގެ އަނގަ ބަންދުކުރެވި، އޭނާ ކުޅަ އަމަލުތަކަށް އޭނާގެ ގުނަވަންތައް ހެކިދޭނެ ކަމަށެވެ. އަތްތަކާއި ފައިތަކުގެ އިތުރުން، ކަންފަތާއި ލޮލާއި ހަންގަނޑުވެސް އިންސާނާގެ އަމަލުތަކަށް ހެކިދޭނެއެވެ. އަދި ކޮންމެ މީހަކު ކުޅަ ކުޑަ ކަމަކާއި ބޮޑު ކަމެއް ހިމެނިފައިވާ އަމަލު ފަތް އެމީހަކާ ހަވާލު ކުރެވޭނެއެވެ.
”ނަސީބުވެރިއަކީ، އެ ދުވަހުން ނަރަކައިން މިންޖުވެ، ސުވަރުގެ ލިބުނު މީހާ،” ޚުތުބާގައި ބުންޏެވެ.
ޚުތުބާ ނިންމާލަމުން ބުނެފައިވަނީ ދުނިޔޭގެ ވަގުތީ އުފަލަށް ނުހެއްލި، اللهއާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވެ، ފާފަތަކަށް ތައުބާވެ ހެޔޮ އަމަލުތައް ގިނަކުރުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.





