ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ ބ. ދަރަވަންދުއާއި ހުޅުމާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާ ހަމައަށް އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދުއާއި ހުޅުމާލެއަށެވެ. މި ދެ ސަރަހައްދަށް 84 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑުކުރެވިފައިވާ ކަމަށް މެޓުން ބުންޏެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، އިއްޔެ މެންދުރު 12:00 އިން ރޭ މެންދަމު 12:00 އާ ހަމައަށް އާންމު ވައި އެންމެ ގަދަވެފައިވަނީ ގަޑިއަކު 17 މޭލުގެ ބާރުމިނުގައެވެ. އެއީ ނ. މާފަރު، ކ. ހުޅުލެ، އަދި ކުޅުދުއްފުށި ސިޓީއަށެވެ. މީގެއިތުރުން، ވިލާގަނޑުގައި އެންމެ ބާރަށް ވައިޖެހިފައިވަނީ ލ. ކައްދޫއަށެވެ. އެ ރަށަށް ވިލާގަނޑުގައި ގަޑިއަކު 46 މޭލަށް ވައިގަދަވި ކަމަށް މެޓް އޮފީހުން ބުނެއެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި، މިރެއާއި މާދަމާވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގަދަވެ، މޫސުން ގޯސްވާނެއެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދަތުރުފަތުރު ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ ރައްކާތެރިކަމުގެ ގޮތުން މުހިންމު ކަމެއްކަމުގައިވެސް މެޓް އޮފީހުން ފާހަގަކުރެއެވެ.







