ގޮއިފުޅަފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނަން: ރައީސް ސޯލިހު

large_169259482913yF3U.jpeg

ރައީސް ބ. ފުޅަދުއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ބ. ގޮއިދޫ، ފުޅަދޫ، އަދި ފެހެންދޫ (ގޮއިފުޅަފެހެންދޫ) ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ފުޅަދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ސޯލިހު ވިދާޅުވީ މުޅި ދުނިޔެއަށް މަޝްހޫރު ބީޗު އޮތީ އެރަށުގައި ކަމަށެވެ. އެސަރަހައްދަށް ވުރެ ޓޫރިޒަމަށް އެންމެ ކަމުދާ ސަރަހައްދެއް ނެތް ކަމަށާއި ގޮއިދޫ ފުޅަދޫ، އަދި ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހަދައިދިނުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

“ގޮއިދޫ ފުޅަދޫ، ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްޓަކައި އަޅުގަނޑުމެން ހުޅުވާލާނަން ޕްރައިވެޓް ސެކްޓާއަކަށް. އަޅުގަނޑު ހިތުން މިކަމަށް އިންޓެރެސްޓް ނަގާނެ ކިތަންމެ ބައިވަރު އެދާއިރާގެ ބޭފުޅުން ތިއްބަވާނެ. މިއަށްވުރެ ފައްކާ ސަރަހައްދެއް ޓޫރިޒަމަކަށް މިހިސާބަކު ނޯންނާނެ. މުޅި ދުނިޔެއަށް މަޝްހޫރު އެއް ބީޗު އޮތީ މިތަނުގައި. ހަމައެކަނި އެ ގޮނޑުދޮށް ބަލަން އަންނާނެ ކިތަންމެ ބަޔަކު ތިބޭނެ”. ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ރާއްޖޭގެ ކުދި އާބާދީތަކާއި ކުދި ރަށްތައް ތަރައްގީކުރުމަށް އެއްވެސް އިސްކަމެއް ދެއްވައިފައިިނުވާ ކަމަށެވެ. އެގޮތުން އެ މަނިކުފާނުގެ ކުރިން 100 ވެރިން ރާއްޖޭގެ ވެރިކަން ކުރެއްވިއިރު އެ ވެރިންގެ ވިސްނުންފުޅުގައި އެކަން ނެތްކަމަށެވެ.

އެރަށަކީ ރައިސް ސޯލިހުގެ ދައުރުގައި ވަރަށް ގިނަ ތަރައްގީ ގެންނަމުންދާ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެން އަންނަ ދައުރެއްގައިވެސް އެރަށަށް ގިނަ ތަރައްގީ ގެންނަން ނިންމާފައިވާ ކަމަށެވެ.

“މިރަށުގައި ގެންގުޅޭ ކުދި ޑިންގީތަކާއި ލޯންޗުތައް އެޅުމަށްޓަކައި ފްލޯޓިން ޖެޓީއެއް އަޅައިދޭނަން. އަދި ރަށުގެ ޒުވާނުން އެދިފައިވާ ގޮތަށް އިންޑޯ ވޮލީ ކޯޓެއް މިރަށުގައި އަޅައިދޭނަން. އަދި އެކި އުމުރުފުރައިގެ މީހުން ބައްދަލުވެ އެކި ހަރަކާތްތައް ކުރުމަށްޓަކައި ކޮމިއުނިޓީ ސެންޓަރެއް އަޅައިދޭނަން. ކުނި ރަނގަޅު ގޮތުގައި މެނޭޖް ކުރުމަށްޓަކައި ވޭސްޓު މެނޭޖް ސެންޓަރެއް އަޅައިދޭނަން. އަދި ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެކޮމޮޑޭޝަން ބްލޮކެއް މިރަށުގައި އަޅައިދޭނަން. ސިއްޚީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ލިބޭގޮތް ހަދައިދޭނަން.” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެން އަންނަ ދައުރެއްގައި ފުޅަދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާނެ ކަމަށާއި އެރަށުގައި ވަޒީފާ އަދާކުރާ ސިވިލް މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއްވެސް އަޅައިދޭން ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް ބ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުހައްމަދާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ އިތުރުން ތިން ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top