މިއަހަރު އޭދަފުށިގައި އިތުރު މިސްކިތެއް އަޅަން ފަށާނެ – އޭދަފުށި ކައުންސިލް

kk.jpg

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީނުއްޘާނީ. އޭދަފުށީގައި ދަމުނަމާދު ކުރާނީ މިމިސްކިތުގައި / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. އޭދަފުށީގައި މިއަހަރު އިތުރު މިސްކިތެއް އެޅުމުގެ މަސައްކަތް ފަށާނެކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށި ކައުންސިލުން މިހެން ބުނީ މިއަހަރުގެ ރަމަޟާންމަހު އޭދަފުށީގައި ފިރިހެނުން ނަމާދުކުރާ 2 މިސްކިތް ފުރި ނަމާދުކުރުމަށް ދަތިތަކާ ދިމާވެފައިވާ މައްސަލާގައި އީވީން ދެންނެވި ސުވާލަކަށް އެކައުންސިލްގެ ނާއިބުރައީސާ ދެއްވި ޖަވާބުގައެވެ.

ނާއިބުރައީސާ ހައްވާ ސަމީހާ މިއަދު ވިދާޅުވީ އޭދަފުށި ކައުންސިލްގެ މިދައުރު ފެށުނުއިރުވެސް މިއީ ވަރަށްބޮޑަށް ފާހަގަކުރެވުނު މައްސަލައެއްކަމަށާ، މިކަމާމެދު އިސްލާމިކް މިނިސްޓަރާއެކު މިދިޔަ ހަފްތާ މަޝްވަރާކުރެވި ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒިޔާދު އާއި ހަވާލާދީ ހައްވަ ވިދާޅުވީ ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހިއްކި ސަރަހައްދުގައި މިސްކިތް އިމާރާތް ކުރަން ފެށޭނެކަމަށެވެ. ނަމަވެސް އަޅާނީ ކިހާބޮޑު މިސްކިތެއްކަމެއް ހައްވަ ވިދާޅެއް ނުވެއެވެ.

“މިވަގުތަށް އެންމެ ބޮޑު މައްސަލައަކަށް މިސްކިތުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހުށައެޅުނީ. ޒިޔާދު ވިދާޅުވީ ދެމަސްދުވަހުގެ ތެރޭގައި އާ މިސްކިތެއް ހިއްކި ސަރަހައްދުގައި އަޅަންފަށާނެއޭ. އެހެންވީމާ، އެކަން އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން އެބަދަން.” ހައްވަ ވިދާޅުވިއެވެ.

ހައްވަ ވިދާޅުވީ އާމިސްކިތް އެޅިނަމަވެސް މިހާރުން މިހާރަށް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ދާނެކަމަށާ، މިކަމަށް އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑުން އެހީލިބޭނެކަމުގެ ފެހިސިގްނަލް މިހާރު ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އޭދަފުށީގެ މިސްކިތްތަކަށް ދިމާވާ އިމާމުންގެ މައްސަލަ ހައްލުކުރުމަށް ވަރަށް އަވަހަށް އޭދަފުށި ގުރުއާނާ ބެހޭ މަރުކަޒުގައި ކޯހެއްވެސް ފައްޓަވާނެކަމަށާ، ދީނީ ކަންކަން ކުރިއެރުވުމަށް މިކައުންސިލުން ވަރަށް ބޮޑަށް ބާރު އަޅުއްވާނެކަމަށެވެ.

“މިސްކިތް އެޅުމުގެ މަސައްކަތް ވަރަށް ގާތުން ބަދަލުން ގެންދާނަން. ދެން މިވަގުތު އެންމެ ދަތީ އިމާމުންގެ މައްސަލަ. މިސްކިތްތަކުގެ އިމާމުން ޗުއްޓީއަށް ދާ ވަގުތުތަކުގައި އިމާމްވެ ނަމާދުކުރާނެ މީހުން ހޯދުން އުނދަގޫ ވެފައި މިއޮންނަނީ. އެކަން ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީގެ އެހީގައި މިކޮޅުގައި ކޯސްފެށުމަށް މިދަނީ ތައްޔާރުވަމުން. އެއީ އިމާމުންގެ އިތުރުން ޖަމާއަތްތެރިންވެސް އުފެއްދުން އަޅުގަނޑުމެންގެ އަމާޒަކީ”

ހައްވަ ވިދާޅުވީ އޭދަފުށީގެ ރައްޔިތުންނަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށްވާތީ، ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި، މިސްކިތްތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ކައުންސިލުން އަބަދުވެސް އިސްކަން ދެއްވާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top