ބ.ތުޅާދުއާއި ދަރަވަންދުއަށް އެނަޖީ މެނޭޖްމަންޓް ސިސްޓަމްސް އާއެކު ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް ގާއިމު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ ސަޑުން ދަރަވަންދޫގައި ގާއިމު ކުރަނީ 2.500 ކިލޯވޮޓް އަވާގެ ބެޓެރީ ސިސްޓަމް އަދި ތުޅާދޫގައި 3،000 ކިލޯވޮޓް އަވާގެ ސިސްޓަމެއް ގާއިމް ކުރާނެ އެވެ.
މި ދެރަށާއެކު ޖުމްލަ 18 ރަށުގައި އެނަޖީ މެނޭޖްމަންޓް ސިސްޓަމްސްއާއެކު 38 މެގަވޮޓް އަވާ ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށް މި ކުންފުންޏާ ވަނީ ހަވާލު ކޮށްފައެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ޝިޖިއާޒުއާންގް ކެލިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ގައުޑިއަން ނަންޖިން އޮޓޮމޭޝަން ކޯ، ލިމިޓެޑް އަދި ސިނޯ ސޯއާ ހައިބްރިޑް ބެއިޖިން) ޓެކްނޮލޮޖީ ކޯ، ލިމިޓެޑާ އެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި ކެލިން އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ވަންގް ޔޮންގެވެ.
މިއީ ހަކަތައާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ’އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަޖީ ޕްރޮޖެކްޓް (އެސްޕަޔާ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން 18 ރަށެއްގައި މި ސިސްޓަމްތައް ގާއިމު ކުރުމަށް ހަމަޖެހިފައިވާ އިރު 500 ކިލޯވޮޓް އަވާ އިން ފެށިގެން 3،000 ކިލޯވޮޓް އަވާގެ ބެޓެރީ ސިސްޓަމްތައް ގާއިމު ކުރާނެ އެވެ.
މި މަޝްރޫއުގެ މައުލޫޟާތު ދެމުން މިނިސްޓްރީން ބުނީ ކަނޑައެޅި ރަށްރަށުގައި 38 މެގަވޮޓް އަވާގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށް ދިނުމާއި އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި “މަގޭ ސޯލާ” ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ވެސް މަގުފަހިވާނެ ކަމަށް ބުންޏެވެ.
މި 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާ އެކު އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެ އެވެ.