އޭދަފުށީގައި ހުރި ރެސިޑެންޝަލް ލާނިންގް ސެންޓަރު (ދަނާލު) އިން ޖާގައަށް އެދޭ މިންވަރު އިތުރުވަަމުން އަންނަކަމަށާ، އަންނައަހަރަށް އިތުރު ޖާގަދެވެން ނެތްކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިއަހަރުގެ ދިރާސީ އަހަރު ނިމުމުގެ ކުރިންނާއި، ފަހުންވެސް ގިނަ ބަޔަކު ދަނާލުގެ އެޕާޓްމަންޓްތަކަށް އެދެމުން އަންނަކަމަށާ، އެދޭމިންވަރަށް ޖާގަލިބެންނެތްކަމަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ (ދޮންބޭބެ) ވިދާޅުވީ މިއަންނަ އަހަރަށް އިތުރަށް ދޫކުރެވޭނީ 3 އެޕާޓްމަންޓް ކަމަށެވެ.
“ކޮންމެ އަހަރަކުވެސް ބާރުބޮޑު. ބާރުކުޑަ އެއްއަހަރުވެސް ނާދޭ. މިހާރުވެސް އެއްބަޔަކު ކޯޓަށްދާހިސާބުގައި މިއޮތީ އެޕާޓްމަންޓް ނުލިބިގެން. އެކަމަކު އަޅުގަނޑުމެން ކީއްތޯ ކުރާނީ. ޖާގަހުރި މިންވަރަކުން އުސޫލުތަކާ އެއްގޮތަށް އެންމެ ގިނަ މާކްސް ލިބޭ ބަޔަކަށްނޫންތޯ އެޕާޓްމަންޓް ދޫކުރާނީ” އަހްމަދު އަލީ ވިދާޅުވިއެވެ.

ސްކޫލް އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ. އޭނާ ވިދާޅުވީ އަންނަ އަހަރު ދަނާލުން އިތުރު ޖާގަ ދެވެންނެތްކަމަށް / ފައިލް ފޮޓޯ
އަހްމަދު އަލީ ވިދާޅުވީ އޭދަފުށީގެ ދަނާލުގެ ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އިތުރު ދަނާލެއް އެޅުމަކީ ބޭނުންތެރިކަމެއްކަމަށެެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގައި މިވާހަކަ ދަންނަވަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވޯލްޑްބޭންކާ، ޔޫއެންޑީޕީގެ އެހީގައި އިމާރާތްކޮށް 2010 ވަނައަހަރު ހިދްމަތްދޭންފެށި އޭދަފުށީ ދަނާލުގައި 20 އެޕާޓްމެންޓް ހުރެއެވެ. އެއީ 4 ކޮޓަރީގެ 4 އެޕާޓްމެންޓާއި، 3 ކޮޓަރީގެ 16 އެޕާޓްމެންޓެވެ. މަހުކުލި ދައްކާގޮތަށް ދޫކުރާ މިއެޕާޓްމެންޓްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުން މިވަގުތު ދިރިއުޅެއެވެ.