ނަޝީދު ވިދާޅުވި ގޮތަށް ރިސޯޓު މުވައްޒަފުންނަށް ނައިޓަށް ރަށަށް ދެވޭތަ؟

large_1660938770588JEx.jpeg

ނަޝީދު ވިދާޅުވި ގޮތަށް ރިސޯޓް މުވައްޒަފުން ޑިއުޓީ ނިންމާފައި ނައިޓަށް ދެވޭ ގޮތް މިހާރުވެފައިވާ ކަމަށް ވިދާޅުވުމާއެކު މިއީ ވަރަށް ބޮޑު ދޮގެއްކަމަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބުނަން ފަށައިފިއެވެ.

ނަޝީދު އެވިދާޅުވި ގޮތަށް ކިތައް ރިސޯޓުގެ މުވައްޒަފުންނަށް އަނބިދަރިންގެ ގާތަށް ރަށަށް ނިދަން ދެވޭތޯއާއި ހަގީގަތާ ޚިލާފު ވާހަކަ އަމިއްލަ ވިސްނުންފުޅާ އެއްގޮތަށް ދެއްކެވުމަކީ ނަޝީދުގެ އާދަކަމަށް ވެސް ބައެއް މީހުން ޚިޔާލު ފާޅު ކޮށްފައިވެއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމާ ރިސޯޓް މުވައްޒަފުން ޑިއުޓީ ނިންމާފައި އަނބިދަރިން ގާތަށް ނައިޓަށް ދާން ފެށުމަކީ މިހާތަނަށް ސަރުކާރަށް ހާސިލް ކުރެވުނު ކާމިޔާބީ ކަމަށެވެ.

“މިހާރު ރިސޯޓު މުވައްޒަފުންނަށް ނައިޓަށް އެމީހުންގެ އާއިލާ ކައިރިއަށް ދެވޭ،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމީހުންގެ ސާވިސް ޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ ކަމަށާއި 700 ޑޮލަރު ގެއަށް ނުގެންދާ އެއްވެސް ކުއްޖަކު މިއަދު ނުހުންނާނެ ކަމަށެވެ.

ނަޝީދުގެ މި ވާހަކަތައް ދޮގުކުރައްވައި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ވެސް ބުނީ ރިސޯޓު މުވައްޒަފުންގެ 90 ޕަސެންޓަށް ޑިއުޓީ ނިންމާފައި ރަށަށް ނުދެވޭ ކަމަށެވެ. އަދި ބައެއް ރިސޯޓުތަކުން ރިސޯޓުގައި އޮފް ނަގަން އަދިވެސް މަޖުބޫރު ކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އޭގެ އިތުރުން ސާވިސް ޗާޖާއި ޓެކްސްއަށް މަކަރު ހެދުމާއި ގަވާއިދާ ހިލާފަށް މުސާރަ ނުދީ އިތުރު ވަގުތު މަސައްކަތްކުރުން އިތުރުވެ، މިނިމަމް ވޭޖުގެ ސަބަބުން ލިބެންޖެހޭ މުސާރައިގެ ކުރިއެރުން ބައެއް މުވައްޒަފުންނަށް ނުލިބޭ ކަމަށް ޓީމްގެ ރަސްމީ ފޭސްބުކް އެކައުންޓުތަކުން ކުރި ޕޯސްޓެއްގައިލިޔެފައި ވެއެވެ.

ވަޒީފާ އަދާކުރުމަށް ފަހު ނައިޓަށް ރަށަށް ނުދެވޭ ކަމުގެ ކަންބޮޑުވުން ގިނަ ރިސޯޓުތަކުގެ މުވައްޒަފުން އަންނަނީ ފާޅުކުރަމުންނެވެ.

ރިސޯޓް މުވައްޒަފުން ނައިޓަށް އަނބިދަރިން ގާތަށް ނިދަން ދިއުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ވެރިކަމަށް ހަތަރު އަހަރު ފުރެމުން ދާއިރު އަދިވެސް އެވައުދު ނުފުއްދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top