މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އެއީ އެހެން މީހުންގެ ހައްގުތައްވެސް އެކުލެވޭ ﷲ ގެ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.
”ހޭދަކުރުމުގައި އިގުތިސާދު ކުރުން“ މި މައުޟޫއަށް ޚާއްސަކޮށްފައިވާ މިއަދުގެ ޚުޠުބާގައިވަނީ މުދާ ހޯދުމާއި ހޭދަކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުގައި މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތު ދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތު ކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. ހަމަ އެހެންމެ މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުން ދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫންކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ދިރިއުޅުމުގެ ކަންތައްތަކާއި ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމެއް ގެންގުޅުމަށް ޚުޠުބާގައި ބާރުއަޅާފަވެއެވެ. އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ. އެހެންކަމުން، ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނި ނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހޭނެކަން ޚުޠުބާގައި ނަސޭހަތްތެރިވެފަވެއެވެ.
ޚުތުބާގައިވަނީ އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތައް އަދާކުރުމަށް ވަނީ ބާރުއަޅާފައެވެ. އަދި ދުނިޔޭގައި ލިބޭ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަން ހަނދާންކޮށްދީ، ޙައްޤުނޫން ގޮތުގައި މުދާ ބޭނުންކުރާ މީހުންނަށް އޮތް ނުރައްކާތެރިކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
ދަރަނި ނަގައިގެން ޚަރަދުކުރުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވުމަށާއި، ލިބޭ އެއްޗަކުން އިޤުތިޞާދު ކޮށްގެން ދިރިއުޅުން ބައްޓަންކުރުމަށް ހުރިހާ މުސްލިމުންނަށް ޚުތުބާގައި ގޮވާލެއްވިއެވެ. މިގޮތަށް ޢަމަލުކުރުމަކީ އިޖުތިމާޢީ ގިނަ މައްސަލަތަކުން ސަލާމަތްވެ، ޢާއިލީ އުފާވެރިކަން އިތުރުވާނެ ކަމެއް ކަމުގައިވެސް ފާހަގަކުރިއެވެ.







