ގޯތި ލިސްޓު އާއްމު ކުރަން ބުނި ތާރީޚު ހިނގައްޖެ. ކިހިނެއްމިވީ ؟؟

DSCN2949.jpg

އޭދަފުށީ ރައްޔިތުންނަށް ގޯތިދިނުމަށް ހިއްކާފައިވާ ބިމުން ބައެއް

އޭދަފުށީގެ ހިއްކި ބިމުން ގޯތި ދިނުމަށް ރަށު ކައުންސިލުން ކޮމެޓީތައް ހަދައިގެން އެމަސައްކަތް ކުރަމުން ގެންދާތާ އަހަރު ތަކެއް ވެއްޖެ އެވެ. ތާރީޚު ތަކެއްވެސް ކަނޑައަޅައި ފަސްދީ ހިނގައްޖެ އެވެ. އެގޮތަށް ރައްޔިތުންނަށް ނަނާހުވަފެން ދައްކަމުން ގެންދާތާ 10 އަހަރު ވީއެވެ. ރައްޔިތުންގެ އިތުބާރު ގެއްލުން ނޫންކަމެއް ނުވެއެވެ. އެންމެ ފަހުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައިގެން މުޒާހަރާވެސް ކޮށްފި އެވެ. އެމުޒާހަރާތައް މާބޮޑަށް ހޫނު ނުވީ ޕޮލިސް މެދުވެރިވެގެން ކުރެވުނު މަޝްވަރާއިން ކުރިއެރުން ތަކެއް ލިބިގެންނެވެ. އިތުބާރު ގެއްލިފައިވާ ކައުންސިލަށް ފަހު ފުރުސަތު ދީފައެވެ.

އޭދަފުށީ ޕޮލިސްސްޓޭޝަންގައި މި އަހަރުގެ އޮގަސްޓް މަހު 24ގައި ކައުންސިލުން އިސްނަގައިގެން ކުރެވުނު މަޝްވަރާ ތަކުގައި މުޒާހަރާގެ ބައިވެރިންގެ ބޮޑު އެދުމަކަށްވީ ގޯތި ފޯމްތައް ވިލަރެސްކޮށް ނިމޭނެކަމަށް ލަފާކުރާ ތާރީޚު ބުނެދިނުމަށެވެ. ކައުންސިލުން ދީފައިވާ މުއްދަތަކީ މިދިޔަ ނޮވެމްބަރު މަހުގެ ނިޔަަލެވެ. އެކަން ނިމުމާއެކު ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމު ކުރާނެ އެވެ.

”ކައުންސިލުން ބޭނުންވަނީ ވީހާ އަވަހަށް މި މަސައްކަތް ނިންމާ ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމަށެވެ. ފޯމްތައް ވިލަރެސް ކޮށް ނިމޭނެކަމަށް ލަފާ ކުރެވެނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އިތުރު ލަސްތަކެއް ނުވަތަ ބަދަލެއް އަންނަކަމަށް ވާނަމަ އެކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.“1 ސެޕްޓެމްބަރުގައި ރަށު ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ބަދަލެއްގެ ވާހަކަ ނުވަތަ ލަސްތަކެއް ވެދާނެ ކަމުގެ މައުލޫމާތު މިވީހާ ދުވަހު ހިއްސާ ނުކުރާތީ 1 ޑިސެމްބަރަކީ ރައްޔިތުންނަށް ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމު ކުރާނެ ދުވަސް ކަމަށް ޝައްކު ކުރާނެ ޖާގައެއް ނެތެއް ނޫންތޯއެވެ. ނަމަވެސް އެވާހަކަ ނުވެސް ދެއްކީއެވެ. އަނެއްކާވެސް ރައްޔިތުންނަށް މި ޖެހުނީ ވާނުވާގައި ތިބޭށެވެ.

ގޯތި ދޭމީހުންގެ ލިސްޓު އާއްމު ނުކުރައްވައި އިތުރަށް ލަސްކުރައްވަނީ ކީއްވެގެންތޯ އޭދަފުށީ ކައުންސިލުގެ ރައީސް، މުހައްމަދު ފާތިހަށް ދެންނެވުމުން ވިދާޅުވީ ލިސްޓު އާއްމު ކުރުން ލަސްކޮށްލަން ޖެހުނީ މިނިސްްޓްރީން އަންގަވައިގެން ކަމުގައެވެ.

”ކޮމެޓީގައި ޚިޔާލު ތަފާތު ވުމެއް އުޅޭތީ. އެއީ ޕޮއިންޓު ދިނުމުގައި ކޮމެޓީއަށް އެއްބަސް ނުވެވޭ ގޮތްތަކެއް އޮތީމާ  މިނިސްްޓްރީން ރައުޔަކަށް އެދުނީ، މިއަދު އެބައޮތް ޖަވާބު ފޮނުވާފަ. މާދަމާ ރެއިން ފެށިގެން އަނެއްކާވެސް ކުރިއަށް ދާނެ. ގާތްގަނޑަކަށް ނިންމާލެވޭނެ ވަރަށް އަވަހަށް.“ރައީސް ފާތިހު ވިދާޅުވި އެވެ.

ފާތިހުގެ ވާހަކަ ކިތަންމެ ސާދާވެފައި އާދައިގެ ގޮތަކަށް ރައްޔިތުންގެ ބޯހިޔާވަހިކަމާބެހޭ މި ބޮޑު މައްސަލަ ނެންގެވި ނަމަވެސް ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެކަން ފާޅުކަން ބޮޑުގޮތެއްގައި އެނގޭ އެއް ދިމާލަކީ ގޯތި ދިނުން އަވަސް ކުރުމުގެ ގޮތުން ކައުންސިލު ޒިންމާދާރު ކުރުވުމުގެ ބޭނުމުގައި އޭދަފުށީގެ ޒުވާނުން ކޮޅެއް ޒުވާނުން ޚިޔާލު ފާޅުކުރަން އުފައްދައިގެން އުޅޭ ވައިބާގްރޫޕް–”ބ. އޭދަފުށީ “ހޫނުވާން ފެށުމުންނެވެ.

”ހީނުކުރައްވާތި. އަޅުގަނޑުމެންގެ އަޑު ކެނޑުނީ ކަމަށް. ތިޔަބޭފުޅުން ދެއްވި މުއްދަތަށް އިހުތިރާމް ކޮށްމަޑު ޖައްސާލީ. އިތުރަށް ލަސްވާ ކަމަށް ވަންޏާ ރައްޔިތުންނަށް އަންގަވަން ބުނި ނަމަވެސް އެކަމެއް ނުކުރެވުނު. ބައްލަވަން ތިއްބަވާ. އަނެއްކާވެސް އަޅުގަނޑުމެންގެ އަޑު އިވޭނެ “ގްރޫޕްގައި ކޮމެންޓް ކުރެއްވި ޒުވާނަކު ޚިޔާލު ފާޅުކުރައްވާފައި ވެއެވެ.

އެހެން ޒުވާނެއް ލިޔެފައި އޮވެ އެވެ.

”ނުކުރާނެ ތިކަމެއް. ތިޔަތަނުގައި ތިތިބަ ގިނަ ކައުންސިލަރުންގެ ވިސްނުން ހުރީ ގޯތި ނުދޭން.+ ކައުންސިލް ތަކުގެ ބަލަދުވެރިޔާ ޖަހާހައި ބެރަކަށް ނަށާ އިންތިޚާބު ގާތްވި ވަރަކަށް ގޯތިކިޔަން ތިބި ކޮސްތަކެއް.“

ހިތްހަމަނުޖެހި ތިބި ޒުވާނުންގެތެރއިން ބަޔަކު މިއަދު މެންދުރު ފަހު ވަނީ އޭދަފުށި ކައުންސިލް ކުރިމަތީގައި ތިބެގެން އެމީހުން ގޯތި ދިނުން ލަސްވެގެން ހަދާފައިވާ ތީމް ލަވަ، އަޑުގަދަ ކޮށް ޖަހައި ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ މިއީ މުޒާހަރާއެއް ފެށުމުގެ ކޮޅުމަތި ކަމުގައެވެ.

ރައްޔިތުންނަށް ތާރީޚެއް ދީފައި އެތާރީޚުގެ ކުރިން އެކަން އެހެން ގޮތަކަށް ބަދަލު ވާނަމަ ރައްޔިތުންނަށް އަންގަން ޖެހޭނެއެވެ. ރީތި ގޮތަކީ އެއީ އެވެ. ޑިމޮކްރަސީގެ ހަމައަކީވެސް އެއީއެވެ. އެހެން ނޫނީ އެބުނެވެނީ ރައްޔިތުންނަށް ޖެހޭނީ އަހަރެމެން ބުނިހާ ގޮތެއް ހެދިގެން ތިބޭށޭ ނޫންތޯއެވެ. އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ ކޮންމެ ކަމަކަށްވެސް ހައްދެއް ކަނޑައެޅިފައި އޮންނާނެ ކަމެވެ. އެކަން ހަނދާން ނައްތާލައިފިނަމަ މިކަމާ އިހްތިޖާޖުކޮށް ހިތްހަމަނުޖެހުން ފާޅުކުރަން ކުރީސަފަށް ނުކުމެ ތިބި ނޫކަށި ފުރައިގެ ޒުވާނުންގެ ލޭގެ ހޫނުކަން ފެނުމަކީ ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ. އެމަންޒަރު ރީއްޗެއްވެސް ނުވާނެ އެވެ. އެކަމަކުވެސް ރައްޔިތުން ނުކުމެ ގޯތި ކަނޑާ ހިސާބަށް ކޮންމެވެސް ދިޔަ ނުދެެއްވާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top