ސަރުކާރުގެ ވަޒީފާތަކުން ރިޓަޔާކުރާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ނިންމައިފިއެވެ.
އެގޮތަށް އެންގީ ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު, މޫސާ ޒަމީރު ސޮއިކުރައްވާ މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލުގެ ދަށުން، ރިޓަޔަރކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށެވެ. ނަމަވެސް ރިޓަޔަރކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުންދާނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ފިޔަވަޅު އަޅަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ޖެނުއަރީން ފެށިގެން މި ބަދަލު ގެނައި ނަމަވެސް، މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރިޓަޔަރކުރާ މުވައްޒަފުންނަށް މަހުން މަހަށްދޭ އެލަވަންސް މިހާރު އޮންނަ އުސޫލުގެ ތެރެއިން ވެސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ރިޓަޔަރމެންޓް ޕެންޝަން ދޭ އިދާރާތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ އިދާރާތަކުގެ ރިޓަޔަރމެންޓް ގަވާއިދު އިސްލާހުކޮށް، އެކަން ފިނޭންސަށް ހުށަހަޅައި، ގެޒެޓު ކުރަން އަންގާފައެވެ.
ސަރުކާރުގެ ވަކިވަކި ޕެންޝަން ސްކީމްތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮވެއެވެ. މިއަހަރު އެ ސްކީމަށް ދައުލަތުގެ ބަޖެޓުން 339 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަންނަ އަހަރު ރިޓަޔަރކުރާ ފަރާތްތަކަށް 386 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.