ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އިލްތިމާސްކޮށްފި އެވެ.
މިއަދު ހަވީރު 6:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތާ ގުޅޭ ގޮތުން މެޓް އޮފީހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާޑައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު އުތުރާއި މެދުރާއްޖެތެރޭގައި ރާޅު އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރާނެ އެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަަސަރުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.
ވައި ހުންނާނެ ކަމަށް ލަފާކޮށްފައިވާ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.