މާޒީގައި ކުށްތަކަށް އަރައިގަތުމާއި ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއް ކަމުގައި ވިޔަސް އިސްލާޙުވެ، ދިނަށާއި އުންމަތަށް ޚިދުމަތްކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
އަލްޚުލަފާއުއްރާޝިދޫންގެ ހަޔާތްޕުޅުން ދަރުސްތަކެއްގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނެފައި ވަނީ މިބޭކަލުންގެ ސުންނަތުގައި ހިފުމަށްޓަކައި އެބޭކަލުންގެ ހަޔާތްޕުޅަށް ނަޒަރު ހިންގައި އެއިން ލިބޭ ފިލާވަޅުތަކުގެ އަލީގައި އަހަރެމެންގެ ދިރިއުޅުން ބިނާކުރުން ވަރަށް މުހިންމު ކަމަށެވެ.
ﷲ ކޮންމެ ނަބިއްޔަކަށް އެ ބޭކަލަކަށް ތަބައަވާނޭ ސަހާބީން ލެއްވި ކަމަށެވެ. އެގޮތުން އެކަލާނގެ މި އުންމަތަށް ފޮނުއްވި ނަބިއްޔާގެ އަސްހާބުން ވެފައިވަނީ އުންމަތް ދެކެފައިވާ ރަންމުތްތަކެއް ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް 10 ބޭކަލަކު ޚާއްސަ ކުރައްވައި، އެބޭކަލުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާ ކަމަށެވެ.
އަލްހުލަފާއުއްރާޝިދޫންއަކީ މާތް ނަބިއްޔާ ސުވަރުގެވަޑައިގަތުމަށް ފަހު ވެރިކަން ކުރެއްވި ހަތަރު އަސްހާބު ބޭކަލުން ކަމަށްވާ އަބޫބަކުރުގެފާނާއި އުމަރުގެފާނާއި އުސްމާނުގެފާނުގެ އިތުރުން އަލީގެފާނެވެ. މި ބޭކަލުންނަކީ ނަބިއްޔާ އެބޭކަލުންނަށް ތަބާވުމަށް އިރުޝާދު ދެއްވާފައިވާ ބޭކަލުންނެވެ.
މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނަކީ އީމާންކަމާއި ހެޔޮ އަމަލުގައި ނަމޫނާ ބޭކަލެކެވެ. ހެޔޮ ކޮންމެ ކަމެއް ކުރެއްވުމުގައި އެކަލޭގެފާނު ކުރި ހޯއްދަވަ އެވެ. މާތް ނަބިއްޔާގެ އިސްރާ އާއި މިއުރާޖުގެ ހާދިސާގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތުމުން ވިދާޅުވި ބަސްފުޅުން އެކަން ދޭހަވެ އެވެ. އެ ދަތުރުފުޅުގެ ޚަބަރު ގަބޫލުކުރައްވަން ބައެއް ސަހާބީންނަށް ވެސް ދަތިފުޅުވިއިރު، އަބޫބަކުރުގެފާނު އެވާހަކަ ތެދުކުރެެެއްވި އެވެ. އެއާއެކު، އެކަލޭގެފާނަށް އައްސިއްދީގުގެ ލަގަބު އެރުވުނެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި އިސްލާމްދީނާ މެދު ޝައްކާއި ވަހުމުތައް އުފައްދައި ފަތުރަމުންދާ މިޒަމާނުގައި އަބޫބަކުރުގެފާނު ދެއްކެވި ފަދަ ސާބިތުކަމެއް ދައްކަން ޖެހެއެވެ. މީހަކު، އެ މީހެއްގެ ކޮށި ވިސްނުން ހުއްޖަތަކަށް ހަދައި، މުސްލިމުންގެ ސިކުނޑި ދޮވެލުމަށް ދައްކާ ވާހަކައަކުން ގުރްއާނާއި ސުންނަތުން ސާބިތުވާ، އިސްލާމްދީނުގެ އަސާސަކާ މެދު ޝައްކު އުފައްދައިގެން ނުވާނެ ކަމުގަ އެވެ.
އަލްހުލަފާއުއްރާޝިދޫންގެ ތެރެއިން ދެވަނަ ހަލީފާ، އުމަރުގެފާނަށް ހިދާޔަތް ދެއްކެވުމާ އެކު، ދީނުގެ ދިފާއުގައި ވަގުތުން މަސައްކަތް ފެއްޓެވި އެވެ. އެކަލޭގެފާނު ވެވަޑައިގަތީ ސިޔާސީ ދާއިރާ އާއި ދައުލަތް ހިންގުމުގެ ގޮތުން މުޅި އިސްލާމީ ދައުލަތަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައި، އިސްލާމީ ފުތޫހާތު ފުޅާކުރެއްވި ވަރުގަދަ ލީޑަރަކަށެވެ.
އެކަލޭގެފާނުގެ ހަޔާތްޕުޅުން ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާއަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއް ކަމުގައި ވިނަމަވެސް އިސްލާހުވެ، ދީނަށާއި އުންމަތަށް ޚިދުމަތް ކުރުމަކީ ހުޅުވިފައިވާ ދޮރެއްކަން ކަމުގައި ޚުތުބާގައި ބުންޏެވެ.
ޢުޘްމާންގެފާނު ފަދައިން އަޚްލާޤީ ރިވެތި ސިފަތައް އަށަގެންފައިވާ، މުޖުތަމައަށް މަންފާކުރަނިވި ބަޔަކަށް ވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުލަފާއުއްރާޝިދޫންގެ އެންމެ ފަހު ޚަލީފާ ޢަލީގެފާނުގެ ހަޔާތްޕުޅަށް އަލިއަޅުވާލައި ޚުތުބާގައި ބުނެފައި ވަނީ އެކަލޭގެފާނަކީ ހިތްވަރުގަދަ ރަމްޒެއް ކަމަށެވެ. އެގޮތުން ހަނގުރާމާއިގެ މައިދާނުގައްޔާއި، ޚަލީފާކަމުގެ ބޮޑެތި ފިތުނަތަކެއްގެ ތެރޭގައި އެކަލޭގެފާނު ދެއްކެވި ގިޔާދަތާއި ހިތްވަރަކީ ތާރިހު ހެކިދޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން އެކަލޭގެފާނުގެ ހަޔާތްޕުޅުން އަހަރުމެންނަށް ލިބޭ ފިލާވަޅަކީ އަހަރުމެންނަކީ ވެސް ދީނުގެ ދިފާޢުގައި މަސައްކަތް ކުރާ ބަޔަކަށް ވުމާއި ޒަމާނާއިއެކު އަންނަ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލާ ބަޔަކަށްވުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.