ވިހަގަދަ ބޯވައެއް ފެންނާތީ ސަމާލުވާން އެދެފި

large_162964931055tqkm.jpeg

ބްލޫރިންގްޑް އޮކްޓޮޕަސް -- ފޮޓޯ: ޝަޓާސްޓޮކް

ރާއްޖޭގެ ކަނޑުތަކުން ވިހަގަދަ ބޯވައެއް ފެންނާތީ ސަމާލު ވުމަށް މެރިން ރިސާޗު އިންސްޓިޓިއުޓުން އެދެފި އެވެ.

މެރިން ރިސާޗު އިންސްޓިޓިއުޓުން ވަނީ މި ބޯވަ ދެނެގަންނާނެ ގޮތާއި، މި ބޯވައިގެ ނުރައްކާތެރިކަމާއި ގުޅޭ ގޮތުން ތަފްސީލީ މައުލޫމާތުތަކެއް އާއްމުުކޮށްފަ އެވެ.

އިންސްޓިޓިއުޓުން ބުނީ އެއީ އާންމުކޮށް ރާއްޖެއިން ފެންނަ ބާވަތުގެ ބޯވައެއް ނޫން ކަމަށާއި، އެކަމަކު މި ފަހަކުން ބްލޫ ރިންގްޑް އޮކްޓޮޕަސް ފެންނަކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެއަށް ނުރައްކާ އިހުސާސްވުމުން ހަންގަނޑަށް ނޫ ބޮޅުތަކެއް އަރުވާ ކަމަށް ބުނެފައިވެއެވެ.

ބްލޫރިންގްޑް އޮންޓޮޕަސް ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެސޮރުމެން އުފައްދާ ވިހަ މާދާ ބޭނުންކޮށްގެންނެވެ. މިއީ ހިއްސުތަކާއި ބެހޭ ނާރުތަކަށް ހަމަލާދޭ ވިހަ (ނިއުރޯޓޮކްސިން) އެކެވެ. ބްލޫރިންގްޑް އޮކްޓޮޕަސް ކާނާ ހޯދަނީ އެސޮރުމެންގެ ޝިކާރައިގައި ދަތްއަޅައިގެން ހަށިގަނޑުގެ ތެރެއަށް މިވިހަ ދޫކޮށްލައި މަރާލައިގެންނެވެ.

އެކިބާތަތުގެ ނުރައްކަލުން ދިފާއުވުމަށްވެސް ބްލޫރިންގްޑް އޮކްޓޮޕަސް މި ނިއުރޯތޯކްސިން ދުކޮށްއުޅެއެވެ.

ބްރޫރިންގްޑް އޮކްޓޮޕަސް އުފައްދާ ނިއުރޯޓޮކްސިންއަކީ އިންސާނުންނަށްވެސް ވަރަށް ނުރައްކާތެރި ވިހައެކެވެ. މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮވެއެވެ. މިގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އެޅި ނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެއެވެ.

ނަމަވެސް ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާ ކަމަށް މެރިން ރިސަރޗު އިންޓިޓިއުޓްއިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވެއެވެ.

މިބާވަތުގެ ނިއުރޯޓޮކްސިންއިން ވިހަވުމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާގޮތްވުމާއި، ހިތް ހުއްޓުންފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވެއެވެ.

މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތްއަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހަައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީކޮށް ނޭވާލައްވަން ޖެހެއެވެ. އާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެއެވެ. މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއްް އަދި ނެތެވެ.

ބްރޫރިންގްޑް އޮކްޓޮޕަސްގެ ނުރައްކަލުން ސަލާމަތްވުމަށް އެސޮރުމެން ހިފައި އޭގައި އަތްލާ ނުހެދުމަށާއި، އަދި ބޯވައިގެ ވިހަގެ އަލާމަތްތައް އިހުސާސް ކުރެވިއްޖެނަމަ، ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުންވެސް މުހިއްމު ކަމަށް އެ އިންޓިޓިއުޓުން ހާމަކުރެއެވެ.

މަސްވެރިކަން ކުރަން އުޅޭ އުޅުމުގައި، އެން ދާގަނޑުގައި ނުވަތަ އެންވަތުގައި މިފަދަ ބޯވަ ހުރިކަން ފާހަގަ ކުރެވިއްޖެ ނަމަ އެކަމަަށް ހާއްސަ ސަމާލުކަމެއް ދީ، އެން ނަގައި އެޅުމުގައި ބޯވައިގައި ނުޖެހުމަށް ފަރުވާތެރިވުން މުހިއްމުކަމަށް އަދި ބަލައިލަން ރީތި ނަމަވެސް، މި ބޯވަ ނަގައި ޓޭންކުގައި ގެންގުޅުމަކީވެސް ނުރައްްކާތެރިކަމެއް ކަމަށް މެރިން ރިސަރޗް ސެންޓަރުން ހާމަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top