ކިހާދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަތް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ: މިނިސްޓަރު

ec3b997b-63a2-442b-a1ad-f3f473d689ff.jpg

މަޖިލީހުގެ ޖަލްސާއެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީ، ފޮޓޯ: މަޖިލީސް

ބ. ކިހާދޫ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރިއަށްގެންދާ އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކިހާދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށާއި، އެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކުރެވި، ސައިޓް މޮބިލައިޒްކުރުމުގެ މަރުހަލާ ނިމިފައިވާ ކަމަށެވެ. އަދި މި ހިނގާ މަހުގެ ތެރޭގައި އަމަލީ ގޮތުން އިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ތެރޭގައި އައު އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި، އެތަނުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތް ދޭން ފެށޭނެއެވެ. އިމާރާތުގެ މަސައްކަތް ކުރިއަށްދާ ވަގުތުވެސް، މިހާރު ދެމުންދާ ސިއްހީ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ކިހާދޫގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ރަށަކީ އާބާދީގެ ގޮތުން ކުޑަ ރަށެއް ނަމަވެސް، މިހާރުވެސް އާންމު ބަލިތަކުގެ ޑޮކްޓަރަކާއި ނަރުހުން ހިމެނޭހެން ޖުމްލަ 16 މުވައްޒަފުން އެ ސެންޓަރުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކިހާދޫގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށް، 13 ބާވަތެއްގެ ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ އެ ރަށުގެ ތާރީޚުގައިވެސް ލެބޯޓަރީގެ ހިދުމަތް ގާއިމުކުރެވުނު ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top