ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ، މިއަދު އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމުގަ އެވެ. މި ސަރަހައްދުތަކުގެ އެކި ހިސާބުތަކަށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ވައިޖެހޭ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ، އެހެނިހެން ސަރަހައްދުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައކަމަށް މެޓުން ލަފާކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް މިއަދު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.





