އަޒުމު ކަނޑައަޅަންވީ، ނޭދެވޭ ހުރިހާކަމަކުން ކުޑަކުދިން ދުރުހެލި ކުރަން: ރައީސް

large_173158277135M5N1.png

ރައީސް ޑރ. މުޙައްމަދު މުއިއްޒު: -- ފޮޓޯ: ރައީސް އޮފީސް

މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހު އަޒުމު ކަނޑައަޅަންވީ، ނޭދެވޭ ހުރިހާ ކަމަކުން ދިވެހި ކުޑަކުދިން ދުރުހެލި ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި، އެކުދިންގެ އާއިލާތަކަށް އަރިސްކުރައްވަމުން ރައީސް ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ، ގައުމުގެ އަދުގެ އުފާވެރިކަމާއި މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ޚާއްސަ މުނާސަބާއެއް ކަމަށާއި ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށެވެ.

އެކުދިން ތައްޔާރުވަމުން އެދަނީ، މުސްތަގުބަލުގައި މި ގައުމުގެ ކަންކަމާ ހަވާލުވާން ކަމަށާއި ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބު ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެ ކުދިންގެ މަޢުސޫމުކަން އަބަދުވެސް ޖާގަދޭނީ، ދޮށީ މީހުންގެ ބަސް އެހުމަށާއި އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށް ކަަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ، ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، ރީތި މާހައުލެއް ދެއްކުމަށް، ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތައުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަށް“ ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ދިވެހި ގައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ގައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަކުދިންގެ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބަހައްޓައި ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކޮށް އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން އަޒުމު ކަނޑައަޅައި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށް ރައީސްވަނީ ކުޑަ ކުދިންނަށް އިލްތިމާސްކުރައްވާފައެވެ.

އެ ކުދިންގެ މަންމަ ދެކެ ވާ ލޯބި، މި ޤައުމު ދެކެވެސްވެ، ވަގުތު ބޭކާރު ނުކުރުމަށާއި ސިއްހީ އާދަތަކުގައި ހިފައި ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

”އަޅުގަނޑުގެ ދުޢާއަކީ، ކޮންމެ އަހަރެއްގެ މި ދުވަސްވެސް، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމާއެކު، އަބަދުމެ ބައްދަލުވަމުން ދިޔުން، ދިވެހި ކޮންމެ ކުޑަކުއްޖަކަށް، ތޫނުފިލިކަމާއި، ދުޅަހެޔޮކަމާއި، ރައްކައުތެރިކަން މާތްﷲ މިންވަރު ކުރައްވައި، އުޖާލާ މުސްތަޤްބަލެއް ދެއްވުން“ ރައީސްގެ ހިޠާބުގައި ވިދާޅުވެފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top