”2028 ގައި ސަރުކާރުގެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި“

big_xzmG7X49WRDGe8Y4ILXJCqAhf.jpg

ސަރުކާރުގެ އަމާޒަކީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން 2028 ވަނަ އަހަރު ތެރޭގައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހިންގުމުގެ ނިޒާމު ބަދަލުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ދައުލަތުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު “މޯލްޑިވްސް 2.0” އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ މަސައްކަތާ އެކު 2028 ވަނަ އަހަރު ސަރުކާރުގެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނީ “ވޯކް ފްރޮމް ހޯމް” އުސޫލުން ގޭގައި ކަމަށެވެ.

މިބަދަލާއެކު ހަފްތާއަކަށް ކަނޑައެޅޭ ވަކި ގަޑިއެއްގައި އެކަނި ވަގުތު ހަމަކުރަން އޮފީހަށް އަންނަންޖެހޭ ގޮތަށް އުސޫލުތައް ބަދަލުވާނެ ކަމަށާއި އެކަމަކު ޓީޗަރުން ކަހަލަ ކޮންމެހެން ވަޒީފާތަކަށް ނިކުންނަންޖެހޭ މުވައްޒަފުން އޮފީސްތަކަށް ހާޒިރުވެ ޚިދުމަތް ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމާއެކު ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށެވެ. އެކަން ހާސިލް ކުރެވޭނީ ގައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒް ކޮށްގެން ކަމަށާއި ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައިޑީ ކާޑަކީ ސްމާޓް، ޑިޖިޓަލް އަދި ހުރިހާ ޚިދުމަތެއް އެ ކާޑަކުން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކާޑަކަށް ހަދާނެ ކަމުގައި ވިދާޅުވި އެވެ

މިބަދަލާ އެކު ސައިބަ ސެކިއުރިޓީގެ ކަންކަން ރަނގަޅު ކުރެވި، ހިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top