ރޯދަމަހާއި މާހެފުން

maahefun.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރިން ކޮޅެއް މާހެފުމުގައި -- ފޮޓޯ :ނާއްތޮ

ދިވެހި ބަހުގެ ރަދީފުގައި “މާހެފުން” ކަމަށް ބުނެފައި އޮންނަނީ އެއީ” ރޯދައަށް ކުރިމަތިކޮށް އެމަސް ފެށުމުގެ ކުރިން އެމަހުގެ ފުރަތަމަ ދުވަހާއި ގާތް ދުވަހެއްގައި ޖަމާއަތް ހަދައިގެން މާހެފުމުގެ ނަމުގައި ކާ ކެއުން ކަމަށެވެ.

އިހުޒަމާނުގައި މާހެފުން ބާއްވަނީ ޝައުބާން މަހުގެ 29 ވަނަ ދުވަހު އެވެ. ޝައުބާން މަހުގެ 29 ވަނަ ދުވަހު ގެ ރެއަކީ ރޯދައަށް ހަނދުބަލާ ރެއެވެ. އެރޭ އެފެންނަ ހަނދަށް ކިޔައި އުޅުނީ “ހުޅެވިހަނދު” އެވެ. ވީމާ، މިއީ ރޯދައަށް ކުރިމަތިކޮށް އެމަސް ފެށުމުގެ ކުރިން އެމަހުގެ ފުރަތަމަ ދުވަހާއި ގާތް ދުވަހެއްގައި ޖަމާއަތް ހަދައިގެން މާހެފުމުގެ ނަމުގައި ކާ ކެއުމެއްކަން އެނގެއެވެ.

ދިވެހިން މާހެފުން ބާއްވަމުން އަންނަނީ ދީނީ ކަމެއްގެ ގޮތުގައެއް ނޫނެވެ. ދިވެހި އާދަކާދައިގާ ހިމެނޭ ކަމެއްގެ ގޮތުގައެވެ.

ދީނީ ގޮތުން މިކަން އޮންނަގޮތް ސާފުކޮށްދެއްވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެފައިވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ދިވެހިން ބާއްވާ މާހެފުމަކީ ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން ކަމަށާ އެކަމަށް ދީނީ ހުކުމެއް ނެރެން ނުޖެހޭނެ ކަމަށެވެ. މާހެފުމާމެދު އެކިގޮތްގޮތަށް ދީނީ ގޮތުން ވާހަކަދެއްކި ނަމަވެސް ދީނުގައި އެއީ ހަރާމްކަމެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ.

ދިވެހި ތާރީޚަށް ބަލާއިރު ރޯދަމަހާ ކައިރިކޮށް މާހެފުމުގެ ގޮތުގައި ބާއްވާ ކެއުންގަނޑަކީ “ބޮނޑިމަސްކާށި” ގެ ނަމުގައި ، ރަސްރަސްކަލުންގެ ގަނޑުވަރުތެރެއިން ފެށިގެން އައި އާދައެއް ކަމުގައި ތާރީޚު އިލްމުވެރިން ލިއުއްވައެވެ.

“އެކަން ހިނގައިދިޔަ ގޮތަކީ، ރޯދަޔަށް ހަނދުބަލާރޭ ހަނގުބޭކަލުން (ރަސްގެފާނުގެ ސިފައިން)، ރަދުންގެ ފައިންފުޅު ހިފައި ނިމޭއިރަށް ދާލަބޮޑުއަށި ކައިރީގައި، ހަނގުބޭކަލުންނަށް ތައްޔާރުކޮށްފައި ހުންނަ ބޮޑު ކެއުމެއްގައި ނުވަތަ މާހެފުމެއްގައި އެބޭކަލުން ބައިވެރިވާންޖެހޭ އާދަކާދައެކެވެ. މީގައި ހުންނާނީ ބޮނޑިއާއި އާރުހާއި، މަހާއި ކާއްޓެވެ. މިއީ އެޒަމާނުގައި އޮންނަ މާހެފުމެވެ.” ދިވެހި ތާރީޚު ދިރާސާ ކުރައްވާ ހޯރަފުށީ މުހައްމަދު ސަލީމު ލިއުއްވާފައިވެއެވެ.

އެކަމަކު ދިވެހިންގެ ޤަދީމީ ޒަމާނުގައި މިކަން ހިނގަމުން ދިޔަ ގޮތާ ، މިއަދު އެކަން ހިނގަމުން އަންނަގޮތާއި ތަފާތު ތަކެއް ހުރެދާނެއެވެ. އެކި ޒަމާނަށް އެކި އެއްޗެތި މަގުބޫލު ކެއުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ފަދައިންނެވެ.

“މާހެފުމުގައިވެސް ކައިއުޅުނީ އެގޮތުގެ މަތީން ތައްޔާރު ކޮށްފައި ހުންނަ ތަކެއްޗެވެ. އާރުހާ ބޮނޑި ކައި އުޅުނީ އެބާވަތުގެ ތަކެތީގެ މަޤުބޫލުކަން އޮތް ޒަމާނުގައެވެ. ފާރޮއްޓަކީ ފަހުގެ ޒަމާނެއްގައި ތަޢާރަފުވި ބާވަތަކަށް ވުމުން، ކުޅިފާރޮށްޓާއި ފޮނިފާރޮށި ތައްޔާރުކުރާންފެށީ ފާރޮށި ތަޢާރަފުވި ހިސާބުންނެވެ. އެހައިތަނަށް އައިއިރު، އާރުހުގެ ޒަމާން މާޒީވެއްޖެއެވެ. އާރޮހަކީ، ކަށިކޭލުގައި ހިލާ ބާވަތެއްގެ ހަލުވާއެކެވެ. މީގައި ގިތެޔޮލައިފައެއް ނުހުރެއެވެ. ބަނބުކޭލާއި އަލައިގައިވެސް ދިވެހިން އާރޮސް ހިލައި އުޅުނެވެ. މިހުންނަނީ ހިކި ކެޔޮފަތަށް ލައިފައެވެ.” ސަލީމު ލިއުއްވާފައިވެއެވެ.

އޭދަފުށީގައިވެސް ކަން ހިނގާފައިވަނީ މި ގޮަތަށެވެ. މީގެ 70 ވަރަކަށް އަހަރު ކުރީގައިވެސް އޭދަފުށީގައި މާހެފުން އޮވެއެވެ. ޝަައުބާން މަހަށް ހަނދު ބެލުމާއެކު އާއިލާތަކުގެ މެދުގައާއި އަވައްޓެރިން އެކުވެގެން މާހެފުން ބާއްވައެވެ. އެކަމަކު މިހާތަނާ ހަމައަށް އައިއިރު މާ ހެފުން ބަަދަލުވެފައިވަނީ އެދުވަސްވަރަކަށް މަޝްހޫރުވެފައިވާ ކާއެއްޗެތިވެސް ހިމަނައިގެންނެވެ.

އުމުރުން 86 އަހަރުވެފައިވާ އޭދަފުށީ ވައިލެޓްމާގޭ އިދްރީސް އިބްރާހީމް (ކާށިދޫ އިދްރީސް ) ބުނަނީ އޭނާ ހަނދާން ހުންނަން ފެށިއިރު ވެސް މާހެފުން ބާއްވާ ކަމުގައެވެ. އެކަމަކު އޭރާ މިހާރު މިކަމުގައި ތަފާތުތަކެއް ވާކަން ފާހަގަ ކުރިއެވެ.

“އަހަރެން ހަނދާން ހުންނަން ފެށިއިރު ޝައުބާން މަހުގެ 10ގެ ފަހުން މާހެފުން މުޅި ރަށުގައި ވަރަށް ފޯރިއާއެކު ބާއްވަ. އެކި ބައިބަޔާ އާއިލާތައް އެކުވެގެން މާހެފުމުގައި އޭރު ބޭނުންކުރީ ބިންބި މާފުށާ ވަޅޯމަސް. މާފުއް މޮޑެނީ ގަބުޅި ހުންޏާ ދިވެހި ހަކުރު ލައިގެން. އެކަމަކު އޭގެ ފަހުން ގަބުޅި ހުންޏާ ވަޅޯމަހާ ހަކުރު އެއްކޮށްގެން “މަސްމޮޑުން “ވެސް އެއީ މާހެފުމަށް އިތުރުވި ބާވަތެއް.” އިދްރީސް ބުންޏެވެ.

އިދްރީސް ބުނީ ކުޑަވަރެއްގެ ހަފްލާއެއްގެ ގޮތުގައި މާހެފުން ކުރިއަށް ދާއިރު އެހަފްލާ އޮންނާނީ ރޭގަނޑު އިރާކޮޅު ހަނދުވަރު މަތީގައި ނޫނީ އެތަނުގައި ހުޅުޖަހައި ހުޅުދާން ކޮށްގެން ބިންމަތީގައި ފަން އަޅައިގެންނެވެ.

ޒަމާން ބަދަލުވެގެން މިއަދާ ހަމައަށް އައިއިރު މިއަދު ، މާހެފުމުގައި މިޒަމާނުގެ ތަފާތު ވައްތަރުތައް ބޭނުންކޮށް އުޅެއެވެ. އިހުޒަމާނުގައި ބޭނުންކުރި ބައެއްތަކެއްޗާވެސް އެކުގައެވެ. އެކަމަކު ކުޅިމަހާ ބޮނޑިބަތާ ފޮނި ފާރޮއްޓާ ކުޅިފާރޮއްޓަކީ މާހެފުން މެނޫގައި މިއަދުވެސް ހިމަނަންޖެހޭ ތަކެތި ކަމުގައި ވަނީ ބެލެވިފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top